ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ހުކުމް ކޮށްފިއެވެ.
މިއީ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ތިންވަނަ ފަހަރެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީ ފިލާފާނެ ކަމަށްޓަކައި އޭނާގެ ބަންދު ދެމެހެއްޓުމަށް ދައުލަތުން އެދެމުން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ޚިޔާނާތްތެރި ވުމަށްފަހުގައި ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ދަނިކޮށްކަން ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް އައްމަޓީގެ ވަކީލު ވަނީ އޭނާ ފިލާނެ ކަމަށް ދެކެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
އައްމަޓީގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުން ގެންދާ ކަމަށާއި އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް ވެސް އެދިފައިވާ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.
އައްމަޓީ ފިލުމުގެ ކިހާ މިންވަރުގެ ފުރުސަތެއް އެބައޮތްތޯ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އައްމަޓީއަކީ އެފަދަ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެހެންނަމަވެސް ޝަރީއަތުން ނިންމާފައިވަނީ ޝަރުތުތަކަކާއެކު އައްމަޓީ މިނިވަން ކުރުމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ މިދިޔަ އޮކްޓޯބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އައްމަޓީގެ އެއްބަނޑު އެއްބަފާ ދެ މީހުން ޖާމިނުކޮށް ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އޭނާ ފިލައިގެން ދިއުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރީ ހައިކޯޓުންނެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައި ވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައި ވެއެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލާފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އަންމަޓީ ހައްޔަރުކުރި ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހުކުމްކޮށްފައެވެ.