ރާއްޖޭގައި ތަފާތު އެކި ފަންނާނުންގެ ހުނަރު ގެނެސްދޭ އެމްނެ މަގުބޫލު ޕްލެޓްފޯމު ބައިސްކޯފު އެޕްލިކޭޝަނަށް “އޮފީސް ލޯބި” ވެބް ސީރީޒް އަންނަން ތައްޔާރުވެއްޖެއެވެ.
މުނިފޫހި ފިލުވުމުގެ ޚަބަރުތައް އެންމެ ތާޒާކަމާއިއެކު ގެނެސްދޭ “މުނި އޮންލައިން” ގައި ބުނެފައިވާ ގޮތުގައި ހެއްވާ މަޖާ ވެބް ސީރީޒް ”އޮފީސް ލޯބި“ ބައިސްކޯފު އެޕްލިކޭޝަންގެ ޓީވީ އެޕްލިކޭޝަން ރިލީޒްކުރުމާއެކު ޕްރެމިއަރ ކުރާނެ ކަމަށެވެ. އަދި މި މާރޗު މަހުގެ 21 ހާތަނުގައި ޓީވީ އެޕް ރިލީޒްކުރާނެ ކަމަށް އެ ނޫހަށް މުޢުތަބަރު ގޮތަކަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
”އޮފީސް ލޯބި“ ލިޔެ ޑައިރެކްޓްކޮށްފައި ވަނީ އަމީނާ މުޙައްމަދު (އަމީ) ކަމަށާއި ކެމެރާ ކޮށްފައިވަނީ ރާއްޖޭގައި ކެމެރާ ކުރުމުގައި ފުންނާބުއުސް ދަބާ ކަމަށާއި ދަބާގެ އެހީތެރިކަމާއެކު އައިމަން ގެ ކެމެރާ ކުރުމުގެ ހުނަރު ވެސް މި ސީރީޒުން ފެންނާނެ ކަމަށް އަމީ އާ ހަވާލާދީ އެ ނޫހުގައި ވަނީ ބުނެފައެވެ.
“އޮފީސް ލޯބި އުފައްދުމުގައި ތަފާތު ގޮތެއް ބޭނުންކޮށްފައިވާނެ. އަސްލު މިއީ އޮފީހެއްގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ވެބް ސީރީޒެއް. މި ސީރީޒުގައި ހެއްވާ މަޖާ ކަންކަމާ، އެކުވެރިކަމާއި އަޅައިލުމާއި ލޯބި ހިމެނޭ އިރު، ނޭވާ ހިފަހައްޓާލަން ޖެހޭނެ އެތައް ވަގުތުތަކެއް އަންނާނެ.” އަމީ އާ ހަވާލާދީ ބުނެފައިވެއެވެ.
ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަނާއެކު މި ސީރީޒުން ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ނެރުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް މުނި އަވަސްއަށް އަމީ ވަނީ ބުނެފައެވެ.
މި ވެބް ސީރީޒް ރިލީކުރުމަށް ތައްޔާރުވެފައިވާކަން ހާމަކޮށް ބައިސްކޯފު އިންސްޓަގްރާމުގައި ޢާންމުކުރި ކުރު އެހެނަސް ބަލާހިތްވާ ވީޑިއޯކޮޅުން ފެންނަ ފަންނާނުންގެ ތެރޭގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ހިމެނެއެވެ.
އެ މަންޒަރުތަކުން ވެސް “އޮފީސް ލޯބި” ވެބް ސީރީޒަކީ ތަފާތު ސީރީޒަކަށްވާނެކަން ހާމަކޮށްދެއެވެ. ދެން އޮތީ ކުޑަ އިންތިޒާރެއްކޮށް، ފަންނާނުންގެ ހުނަރު ބަލައިލުމެވެ.