English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރުމަށް ވާހަކަދައްކަނީ އެމްޑީޕީ ބައިބައިކޮށް، އެމްޑީޕީ ތެރޭގައި މައްސަލަތައް އުފެއްދުމަށް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިކުރަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

ނިހާދު ވިދާޅުވީ އެމްޑީޕީގެ ރައީސް ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލުމަށް އެއްވެސް މީހަކު ނޫޅޭކަމަށާއި އެކަން އެގޮތަށް ކުރުމަށް ޖާގަ ވެސް ނުދެއްވާނެ ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދޭނެކަމަށް އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ ވެސް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރެވޭ މަސައްކަތަކީ ވަރަށް ރޭވިގެން އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތްކޮށް، ބޭރުކޮށްލުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި އެކަމަކު އެކަމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

” އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން އެބަފެނޭ. މިފުރުސަތު ދީފިކަމަށް ވަނީނަމަ، އެމްޑީޕީއަށް ޤުރުބާން ވީ ބޭފުޅުންގެ މަސައްކަތް އަނެއްކާ އެދިޔައީ ފަހަތަށް.” ގއ. ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި އިންތި ވިދާޅުވިއެވެ.