އެސްޓީއޯ އިން ރަމަޟާން މަހު ފިޔާ، އަލުވި އަދި ބިސް ވިއްކަން ވަކި އަގުތަކެއް ކަނޑައަޅައިފިއެވެ.
އެ ކުންފުނިން ބުނީ ރަމަޟާން މަހު ބިސް ކޭހެއް 300 ރުފިޔާ އަށް ވިއްކާއިރު، ބިހެއް ވިއްކާނީ 1.75 ރުފިޔާ އަށް ކަމަށެވެ. އަދި ފިޔާ ބަސްތާއެއް 300 ރުފިޔާއަށް ވިއްކާއިރު، ފިޔާ ކިލޯއެއް 14 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އަލުވި ބަސްތާއެއް 280 ރުފިޔާ އަށް ލިބޭއިރު، އަލުވި ކިލޯއެއް 13 ރުފިޔާ އަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ ރަމަޟާން މަހަށް ތަކެތީގެ އަގުތައް އުފުލޭތީ ރާއްޖޭގެ ބާޒާރުގައި އެފަދަ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެ ކުންފުނިން ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ގެންދާކަމަށެވެ. އެހެންކަމުން ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ވިއްކާނެ އަގުތައް ކަނޑައަޅާފައިވާތީ އެ އަގުތައް ހިފެހެއްޓޭނެ ކަމަށެވެ.
” ރޯދަ އަށް ޚާއްސަކޮށްގެން ގެންނަ ބާވަތްތައް ދުރާލައި ގެންނަން ފަށާފައިވާތީ ރޯދައަށް އާންމުން ބޭނުންވާ މުދާ ލިބޭނެ. އެތަކެތީގެ އަގުތައް މައްޗަށް ނުދާނެ ކަމުގެ ޔަގީންކަންދެން.” އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ޚާއްސަ އަގުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން 10 ބަސްތާ އަށްވުރެ ގިނައިން އަލުވި ގަންނަ ނަމަ ބަސްތާއެއް 270 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކާނީ 290 ރުފިޔާ އަށް ލިބޭ އިރު، ގިނައިން ނަގާނަމަ ބިސް ކޭހެއް 290 ރުފިޔާ އަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި މިވަގުތު ފިޔާ ބަސްތާއެއް ލިބޭ އެވްރެޖު އަގު ބަސްތާއެއް 360 ރުފިޔާ އަށް ހުރިއިރު، އަލުވި ބަސްތާއެއް ހުރީ 200 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ލިބެނީ 340 ރުފިޔާ އަށެވެ.