English Edition
Dhivehi Edition

ކޮންމެ އިންސާނަކީ ވެސް އެހެންމީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ހަނދާން ކޮށްދީފިއެވެ.

“އިޙްސާންތެރިވުން” މި މަޢުޟޫއަށް ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާގޮތަށް ކަމަށެވެ.

“މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެންމީހުންނަށް އެހީތެރިވެ، ހަމްދަރުދީވާން ޖެހޭ. އެފަދަ ވަގުތުތަކުގައި އެމީހުންނަށް އެހީތެރިވެ، އަޅައިލުމަކީ އަޅިގަނޑުމެންގެ މައްޗަށް ވާޖިބު ކަމެއް. މިއީ އިމާންކަން ފުރިހަމަވުމުގެ ރަމްޒެއް. މުއުމިނުންގެ ސިފައެއް.” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމީ މުޖުތަމަޢުގައި އަފްރާދުން ވާންޖެހޭނީ އެއްހަށިގަނޑެއްފަދަ އެކުވެރިބައެއް ކަމުގައި ކަމަށާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައި ކަމަށެވެ. އަދި އެކަކު އަނެކަކަށް އަލައިލުމާއި އޯގާތެރިވުމާ އެކުގައި ކަމަށާއި މިކަމަކީ އިންސާނިއްޔަތުކަމުގެ އިތުރުން މުސްލިމުންގެ އީމާން ކަމާވެސް ގުޅިފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އިސްލާމް ދީނުގައި އިހުސާންތެރިވުމަށް އަންގަވާފައިވަނީ ހަމައެކަނި އިންސާނުންނަށް ނޫން ކަމަށާއި ދިރޭ ހުރިހައި ތަކެއްޗެއް ޢާންމުވެގެންވާ ގޮތުގައި ރަހުމުކޮށް، އޯގާވެރިވުމަކީ ޚާލިގުވަންތަ ﷲގެ އަމުރުފުޅެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.