މައިގަނޑު 4 ކަމަކާއެކު އިންތިގެ ” ތިލަފަތުގެ ރަމްޒު ” މެނިފެސްޓޯ އިޢުލާންކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ މެނިފެސްޓޯ ރަސްމީކޮށް އިއުލާންކޮށްފައިވަނީ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައެވެ.
އިންތިއަށް ސަޕޯޓުކުރާ އެމްޑީޕީގެ ގިނަ މެމްބަރުން ބައިވެރިވި މި ޖަލްސާގައި އިޢުލާނު ކުރި މެނިފެސްޓޯ އެކުލަވާލެވިފައިވަނީ ހަތަރު ކަމެއްގެ މައްޗަށެވެ.
އެއީ ޕާޓީގެ ދަފްތަރު ސާފުކުރުމާއި ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތްކުރުމާއި އެމްޑީޕީގެ ބަސް ވިކޭނެކަން ކަށަވަރުކުރުމާއި އަންހެނުންނާއި ޒުވާނުންނަށް ޖާގަ ތަނަވަސްކުރުމެވެ.
މީގެތެރެއިން ވެސް ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތްކުރުމާއި އަންހެނުންނާއި ޒުވާނުންނަށް ޕާޓީގައި ޖާގަ ތަނަވަސްކުރުމަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތްކުރުމަށްޓަކައި ކޮންމެ ރަށަކާއި ދާއިރާއެއްގައި ތިބި އިންތިޚާބީ އޮފިޝަލުން ހިމެނޭގޮތަށް އަތޮޅު/ސިޓީ މަޖިލިސްތައް އުފެއްދުމަށާއި ޕްރޮވިންސްތައް އުވާލައި އަތޮޅު މަޖިލީހުގެ ރައީސުންނަށް ޕާޓީގެ ޤައުމީ މަޖިލީހުން ފުރުސަތު ތަނަވަސްކުރުމަށް ހުށަހެޅުމަށް ވެސް މެނިފެެސްޓޯގައި ހިމަނާފައިވެއެވެ.
އިންތިގެ މެނިފެސްޓޯގައި އަންހެނުންނާއި ޒުވާނުންނަށް ޕާޓީގައި ޖާގަ ތަނަވަސްކުރުމުގެ ގޮތުން ޕާޓީއަށް ދައުލަތުން ވަންނަ ފައިސާ އަންހެނުންގެ ރޫހަށާއި ޒުވާނުންގެ ހިތްވަރަށް ޕާޓީން ބަޖެޓެއް އެކަށައެޅުމަށް ވެސް ވަނީ ހިމަނާފައެވެ.
އެމްޑީޕީގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއަރޕާރސަން ގެ މަގާމަށް ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ. އެހެންނަމަވެސް ފައްޔާޒުގެ މެނިފެސްޓޯ މިހައިތަނަށް އައި އިރު އިއުލާންކޮށްފައެއް ނުވެއެވެ.