English Edition
Dhivehi Edition
ފޮޓޯ: ކަސްޓަމްސް

ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިއީ ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއައި މީހެއް ކަމަށެވެ. އަދި އޭނާ ރާއްޖެ އައިސްފައިވަނީ މި މާރޗު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

އޭނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން މި ފަސިންޖަރުގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، މި ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް (Cannabis) އަށް ޕޮޒިޓިވް ވެފައިވާ އިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި (Cannabis seeds – 9.30 grams) ކެނެބިސް ހާބަލް (Cannabis Herbal – 3.40 grams) ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދިި މިތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުރި ކަމަށް ވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ޙަވާލުކުރެވިފައި ކަމަށެވެ.