މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާ އިން 3.2 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
މި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލްއެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ އެމެރިކާ އިން ދޭ އެހީގެ ކަންކަން ބަލަހައްޓާ ޔޫއެސްއެއިޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެލްޒިމަންއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރީޑް ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ރާއްޖޭން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނުވާނެ ކަމަށެވެ.
މި އެހީ ރާއްޖެއަށް ފޯރުކޮށްދެނީ އެމެރިކާ ސަރުކާރުގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން، ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމެންޓްގެ ދަށުންނެވެ. ރާއްޖެއަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި އެމެރިކާއާއިއެކު ސޮއިކޮށްފައިވަނީ 12 މާރޗު 2019 ގައެވެ.
މިފަހަރު ދޭން ނިންމި 3.2 މިލިއަން ޑޮލަރާއިއެކު އެގައުމުން ރާއްޖެއަށް ދިން އެހީގެ ޢަދަދު 25 މިލިއަން ޑޮލަރަށް އެރީއެވެ.
މިއެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމެންޓާއި ގާނޫނުގެ ބާރުވެރިކަން ހަރުދަނާ ކުރުމަށާއި ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރި ކުރަން ފައިސާ ހަރަދު ކުރުން ހިމެނެއެވެ.
ޔޫއެސްއޭއައިޑީން ދަނީ ތިމާވެށިގެ ވިލުންތެރިކަން އިތުރު ކުރުމަށާއި އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ރާވާ ހިންގުމަށާއި ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތްތަކެއް ބިނާ ކުރުމަށް ދިވެހި ސަރުކަރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.