އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޓަކައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދެއަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން ސޮއިކުރެއްވީ އެކަޑެމިކް ކައުންސިލްގެ ވައިސް ޗެއަރ ފާޠިމަތު މުނާއެވެ. ބީސީއެމްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ނައުޝާނެވެ.
މި ފަހުމުނާމާގެ ދަށުން ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން ހިންގާ ކޮންމެ ކޯހެއްގައި ބީސީއެމްގެ ފަރާތުން ބައިވެރިކުރާ އެއް އަންހެނަކަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ބީސީއެމްގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކަށް ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްއިން ފަންނީ ލަފާއާއި އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން އަލަށް ތަޢާރުފުކުރުމަށް ގަސްދުކުރެވިފައިވާ “ސްޓްރެޓެޖިކް ޖެންޑަރ ޑެވަލޮޕްމަންޓް” ކޯހުގެ މުޤައްރަރު އެކުލަވައިލުމުގައްޔާއި އިޖުތިމާޢީ އެހެނިހެން ކޯސްތައް ފަރުމާކުރުމުގައި ބީސީއެމްގެ ފަރާތުން ފަންނީ އެހީތެރިކަން ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި 14 ޖަނަވަރީ 2022 ގައި އިފުތިތާހުކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އަންހެނުން ޓެކްނޮލޮޖީއަށާއި ޤާނޫނީ ދާއިރާއަށާއި މީޑިއާގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސެލްފް ޑިފެންސް ކްލާސްތައް ފާހަގަކޮށްލެވެއެވެ.