English Edition
Dhivehi Edition

މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމަށް ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތަކުގައި، މާލީ ތަނަވަސްކަން ނެތް އަންހެނުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

އެސްއެމްއީ ހަބްގައި ބޭއްވުނު ބައްދަލުވުމެއްގައި ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގ ޕާރޓްނަރ އަލްއުސްތާޛާ ޒުލޭޚާ އިބްރާހީމްއެވެ. ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދުއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ ގެވެށިއަނިޔާއާއި ޖިންސީ އަނިޔާ އަދި ފުރައްސާރަކުރުމުގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙަޟާނަތުގެ މައްސަލަތަކާއި، މި ބާވަތުގެ އެހެނިހެން މައްސަލަތައް މުޖުތަމަޢުގައި އިތުރުވަމުންދާއިރު، މާލީ ތަނަސްކަން ނެތުމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމުގައްޔާއި އަދުލު އިންސާފު ހޯދުމުގައި ހުރަސްތައް ހުރުމުން އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން މި ބާވަތުގެ މައްސަލަތަކުގައި ތަޙުޤީޤު އަދި ކޯޓު މަރުހަލާގައި ބޭނުންވާ ޤާނޫނީ އެހީތެރިކަން އެ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

ޓެގު