English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ މަލޯކާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށް ޕޮއިންޓް ތާވަލްގެ އެއްވަނާގައި 10 ޕޮއިންޓް ގެ ލީޑެއް ރެއާލް މެޑްރިޑުން ނަގައިފިއެވެ.

ރަށުން ބޭރުގައި މަލޯކާއާއި ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

ރޭގެ މިމެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާއަށް ވަނީ ލަނޑު ޖަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ވިނީސިއަސް ޖޫނިއަރ ކަރީމް ބެންޒެމާއަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް މަލޯކާގެ ގޯލް ކީޕަރ ސާޖިއޯ ރިކޯ ވަނީ މި ބޯޅަ މަތަކޮށްފައެވެ.

އޭގެ ފަަހުން ޖެހިގެން އައި މިނެޓުގައި ރެއާލްގެ މެންޑީވެސް ވަނީ ބާރު ހަމަލާއެއް މަލޯކާގެ ގޯލަށް ފޮނުވާލާފައެވެ. މި ހަމަލާވެސް ގޯލާއި އަމާޒުވާ ގޮތެއް ނުވިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި މަލޯކާގެ ނުރައްކާތެރި ހަމަލާއެއް ވެސް ފެނިގެން ދިޔައެވެ. މަލޯކާގެ ފޯވާޑް ވިޑަތް މުރީގީ ރެއާލްގެ ގޯލު ކުރިމަތީގައި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި މަލޯކާގެ ފެޑްރިކޯ ވަލްވަރުޑޭ ފޮނުވާލި ހަމަލާއެއް ވަނީ ރެއާލް ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފަހު ހާފުގެ ކުޅުން ނިމުނުއިރު، ފަހު ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެފައިވަނީ ރެއާލުންނެވެ. އެޓީމުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 55 ވަނަ މިނެޓުގައެވެ. ރެއާލް އަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެންޒެމާގެ އެހީތެރިކަމާއި އެކު ވިނީސިއަސް ޖޫނިއަރ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދިނީ ކަރީމް ބެންޒެމާއެވެ. އަދި ރެއާލްގެ ތިން ވަނަ ލަނޑު މެޗުގެ މެޗުގެ 82 ވަނަ މިނެޓުގައިވެސް ޖަހައިދިނީ ކަރީމް ބެންޒެމާއެވެ.

ރޭގެ މި މޮޅާއި އެކު 10 ޕޮއިންޓުގެ ލީޑަކާއި އެކު ތާވަލްގެ އެއްވަނާގައި ރެއާލް އޮތީ ކުޅުނު 28 މެޗުން ލިބުނު 66 ޕޮއިންޓާއި އެކުގައެވެ. ލީގުގެ ދެވަނާގައި 56 ޕޮއިންޓާއި އެކު އޮތީ ސެވިއްޔާއެވެ. އަދި ތިން ވަނާގައި 51 ޕޮއިންޓާއި އެކު އޮތީ ބާސެލޯނާއެވެ.