ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި, ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން 2022 މާރިޗު 9 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA – Ecstacy) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.115 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3,000,000.00 (ތިން މިލިއަން) ރުފިޔާއަށް އަރާ ކަމަށާއި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.