English Edition
Dhivehi Edition

ރައީސް ސާލިހު އިސްކަންދެއްވި ފަސް ބޭފުޅުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފިއެވެ.

މިއަދުގެ ޖަލްސާގައި މިރިޕޯޓް މަޖިލީހަށް ހުށަހަޅައި، ކޮންމެ ސިޔާސީ ޕާޓީއަކަށް ވަނީ މިނަންފުޅުތަކާއިމެދު ދެކެވަޑައިގަންނަވާ ގޮތަކާމެދު ބަހުސް ކުރުމަށް ފުރުސަތު ދީފައެވެ. މިނަންފުޅުތަކާމެދު އެއްވެސް ޕާޓީއަކުން ދެކޮޅު ހަދާފައި ނުވެއެވެ.

މަޖިލީހުން އެ މެމްބަރުންނަށް ވޯޓު ދެއްވި ގޮތަށް ބަލާއިރު، އަލްއުސްތާޛް އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި، 42 ވޯޓު ލިބިވަޑައިގެންނެވިއިރު، އަލްއުސްތާޛް އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ، 43 ވޯޓު ލިބިވަޑައިގަތެވެ. އަދި އަލްއުސްތާޛް ޠާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި، 40 ވޯޓު ލިބިވަޑައިގެންނެވިއިރު އަލްއުސްތާޛާ ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު، 42 ވޯޓު އަދި އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު، 42 ވޯޓު ލިބިވަޑައިގެންނެވިއެވެ.

މި ނަންފުޅުތަކުގެ ތެރެއިން ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ޢަބްދުއްސަލާމް ޢަލީ އަކީ މިހާރު ވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ. އަދި ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެމްބަރަކަށްވާއިރު، ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ފަސް ބޭފުޅުންނާއި އިންޓަރވިއުކޮށް އެ ފަސްބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ.

އޭސީސީއަށް މެމްބަރުން އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ، އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބަަލއި، މަޖިލީހުން އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށެވެ.

އެއަށްފަހު އެ ކޮމިޝަން މިހާތަނަށް އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.