English Edition
Dhivehi Edition

ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރާ “ޑިސްކަވަރ މޯލްޑިވްސް” ދަތުރާއިގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ހިއްސާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ސާޖިން ބުނީ އެ ދަތުރުގެ އެންމެބޮޑު އެއް މަޤުޞަދަކީ ރާއްޖޭގައި މިކުރާ ސަސްޓެއިނަބްލް މަސްވެރިކަން ޕްރޮމޯޓު ކުރުން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ މިހާރު މިލިއަނުން ފޮލޯވަރސް އެބަހުރި. ދެން ބޭނުންވަނީ ބިލިއަނުން ރާއްޖޭގެ މަސްވެރިކަމާއި ރާއްޖޭގެ ރީތިކަން އިޗްތިހާރުކުރަން. އެހެންވެ ރައީސް ގާތަށް މިއައީ މިދަތުރުގެ ކަންތައް ކިޔައިދީ ދަތުރާއިބެހޭ މަޢުލޫމާތު ދޭންވެގެން.” ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ސާޖިން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ މި ދަތުރު ކުރުމުގެ މައިގަނޑު ދެތިން މަޤުޞަދެއް އެބައިން ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ ރާއްޖޭގެ ހުރިހައި ރަަށްތަކަށް ދިއުމަކީ ހުވަފެނަކަށްވާއިރު، ތުރާކުނޭ ބުނީމާ ނޭނގޭ އެތައް ދިވެހީންނެއް އެބަތިބި ކަމަށެވެ. މިދަތުރުގެ ސަބަބުން ތުރާކުނު ވަރަށްގިނަ ބަޔަކަށް އެނގިގެންދާނެ ކަމަށް ވެސް ސާޖިން ބުންޏެވެ. އަދި ތުރާކުނަށް ދާންވީ ކީއްވެކަން ވެސް އެނގޭނެ ކަމަށް ބުންޏެވެ.

ސާޖިން އިތުރަށް ބުނީ ހަމައެކަނި ގެންނަން ބޭނުންވަނީ މަސްވެރިކަން ނޫން ކަމަށާއި ބޭނުންވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް ގެންނަން ކަމަށެވެ. އެގޮތުން މި ހަފުތާ ތެރޭގައި ލީބިޔާގެ ކުންފުންޏެއްގެ އެމްބެސެޑަރ ކަމަށް ސޮއެ ކުރާނެކަން ސާޖިން ވަނީ ފާހަގަކޮށްފައެވެ.

މި ދަތުރަށް ދެވެން އޮތް ހުރިހައި އެއްބާރުލުމެއް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި މި ދަތުރުވާނީ ރާއްޖޭގެ ތާރީޚުގައި ލިޔެލާވަރުގެ ދަތުރަކަށް ކަމަށް ވެސް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހުރި ގއ. ގެމަނަފުއްޓަށް އުފަން ހަސަން ސާޖިންއަކީ ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުމެ، ސޮޝަލް މީޑިއާ އަށް ދޫކުރާ ހިތްގައިމު ފޮޓޯތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަރާތެކެވެ. އަދި “ދިވެހި މަސްވެރިންގެ” ނަމުގައި ޖަމިއްޔާއެއް ރެޖިސްޓަރކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށް ވެސް ސާޖިން ދަނީ މަސައްކަތްކުރަމުންނެވެ.