English Edition
Dhivehi Edition

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބޭނުން ވަނީ މިހާރުގެ ކުލަބު ޕީއެސްޖީ ދޫކޮށްލަން ކަމަށާއި މެސީ ޕީއެސްޖީގައި ހުރީ ވަރަށް ބޮޑު ހިންހަމަ ނުޖެހުމެއްގެ ތެރޭގައި ކަމަށް އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ޑާރެން ބެންޓް ބުނެފިއެވެ.

ސަންޑަލޭންޑްގެ ކުރީގެ ސްޓައިކަރު ޑަރެން ބެންޓް ގަބޫލުކުރާ ގޮތުގައި ލިއޮނެލް މެސީ ޕީއެސްޖީގައި މަޑުކުރަން މިހާރު ބޭނުމެއް ނުވެއެވެ. ބެންޓް ބުނިގޮތުގައި މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ދިޔައީ ވަރަށް ފޮނި އުންމީތަކަކާއި އެކުގައި ކަމަށާއި ނަމަވެސް މެސީ ބޭނުންވާ އުންމީދުތައް އެ ކުލަބާއި އެކު ފުރިހަމަ ނުވާކަމަށެވެ.

” ޕީއެސްޖީން މެސީ ގެންދިޔައީ ވަރަށް ފޮނި އުންމީރަކަކާއި އެކު، އަދި މެސީ ވެސް ހަމަ އެގޮތަށް އެ އުންމީދުތައް ކުރި، ނަމަވެސް އެއްވެސް ފަރާތަކުން ބޭނުންވި ގޮތަކަށް އެއްވެސް ކަމެއް ހާސިލެއް ނުވޭ.” އޯލް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ބެންޓް ބުންޏެވެ.

ބެންޓް އިތުރަށް ބުނީ މެސީ ޕީއެސްޖީއަށް ބަދަލުވި ފަހުން ކުރިން ކުޅެމުން އައި ކުޅުން ނުދެއްކޭ ކަމަށާއި އެހެން ކަމުން މެސީ ހުރީ ވަރަށް ބޮޑު މާޔޫސް ކަމެއްގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން މެސީ އަށް އަދި ވެސް އޭނާގެ ކުޅުން ރަނގަޅު ކުރެވޭނީ ކުރީގެ ކުލަބު ބާސާ ކަލަހަލަ ޓީމަކަށް ގޮސްގެން ކަމަށް ވެސް ބެންޓް ބުންޏެވެ.

ގިނަ ބަޔަކަށް އުންމީދު ކުރެވުނު ގޮތާއި ޚިލާފަށް މެސީއާއި އެކު ގިނަ ތަރިންތަކެއް ހިމެނޭ ޕީއެސްޖީ ވަނީ ރެއާލްގެ އަތްދަށުގެ ނިމިގެން ދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކަޓާފައެވެ. މިއީ ހަމަ ޔާގީނުންވެސް މެސީ ކަހަލަ ކުޅުންތެރިއަކަށް ލިބިގެންދާނެ ބޮޑު ހިއްދަތިކަމެކެވެ.

ނިމިގެން ދިޔަ އަހަރު ހޫނު މޫސުމުގައި ޕީއެސްޖީއަށް ބަދަލުވި، މެސީ ބާސާއާ ގުޅުނީ ވަރަށް ލައުމުރުގައެވެ. އެގޮތުން 21 އަހަރު ބާސާގައި ހޭދަކުރުމަށް ފަހު މެސީ ބާސާ ދޫކޮށްލިއިރު، މެސީއަކީ އެ ޓީމުގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަތް ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވެ މިހާތަނަށް 25 މެޗެއް ކުޅެފައިވާއިރު، އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ ހަތް ގޯލެވެ.