އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން ގެނެސްފައިވާ 2.4 މެގަވޮޓުގެ ދެ ޖަނަރޭޓަރު ބަހައްޓާ މީހުން މިމަހު ރާއްޖެއަށް އަންނާނެ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެމީހުން އަންނާނީ މި ހިނގާ އޮކްޓޯބަރު 19 ވަނަ ދުވަހު ކަމަށެވެ. އެމީހުން ރާއްޖެއަށް އައުމަށް ބޭނުންވާ ވިސާވެސް މިހާރު ހަމަޖެހި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑުއަށް ގެނެސްފައިވާ ބޮޑު ދެ ޖަނަރޭޓަރު ބެހެއްޓުމަށް ނުވަތަ އިންސްޓޯލް ކުރުމަށް އަންނަނީ ދެ ޖަނަރޭޓަރުވެސް ސަޕްލައިކޮށްދިން ފަރާތުން ފޮނުވާ މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
“އައްޑުއަށް ފޮނުވައިފައިވާ 2.4 މެގަވޮޓުގެ ދެ ޖަނަރޭޓަރު އިންސްޓޯލްކުރަން ސަޕްލަޔަރު މާލެ އަންނާނެ މިމަހު ނަވާރަ ވަނަދުވަހު. ވޮރަންޓީގައި ހުރީމައި ސަޕްލަޔަރު ބޭނުމެއްނުވޭ އެއްވެސް ބަޔަކުއޭގައި އަތްލާކަށްވެސް. އެމީހުންގެ ބިޒްނަސްވިސާއާއި ހުރިހާ ކަމެއް ނިމިފައި މިހާރުވަނީ،” ޝަރީފް ވިދާޅުވިއެވެ.
ޖަނަރޭޓަރު ބެހެއްޓުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ ބޯހޯލް ތޮރުފުމެވެ. “ބޯހޯލް ތޮރުފުމުގެ މިހާރު ހިނގަމުންދާ މަސައްކަތަކީ އެންކަރ ބްލޮކްތައް ހަރުކުރުން. އެއީ ކަނޑުން ފެންނަގާ ގޮތަށް ހުންނާނީ. އެ މަސައްކަތުގެ ނުވަދިހަ ޕަސެންޓް އެހުރީ ނިމިފައި. އެ މީހުން (ސަޕްލަޔަރު) އަންނައިރު އެ މަސައްކަތް ނިމިފައި ހުންނާނީ،” ޝަރީފް ވިދާޅުވިއެވެ.
އެ ދެ ޖަނަރޭޓަރަކީ މިސަރުކާރުން ހިންގާ “ސައުވީސްގަޑިއިރު ކަރަންޓް ޔަގީން” ގެ ޕްރޮގްރާމުގެ ދަށުން އައްޑުއަށް ފޮނުވައިފައިވާ ޖަނަރޭޓަރުތަކެވެ. އެ ދޭތިން ކަރަންޓުދޭން ފެށުމުން އެއްވެސް މައްސަލައެއްނެތި އައްޑޫސިޓީގައި ގުޅިފައިވާ ރަށްރަށަށް ކަރަންޓު ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފާއިތުވި ދެހަފްތާއެއްހާ ދުވަހު އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކަށްވަނީ ކަރަންޓު މައްސަލަ ދިމާވެފައެވެ. އެހެންނަމަވެސް ފެނަކައިން މިހާރުވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.