English Edition
Dhivehi Edition

ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން މާމެންދޫ އިން ހޯދައިފިއެވެ.

އެޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު މެޗު ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު ކޮނޑޭ ބަލިކޮށްފައެވެ.

މާމެންދޫ އާއި ކޮނޑޭގެ މެޗު ފޯރިގަދަކޮށް ދިޔައިރު، ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކޮނޑޭގެ މުހައްމަދު އިންޝާއު ޖަހައިދިން ލަނޑުންނެވެ. ދެވަނަ ހާފުގައި ޖެހި މި ލަނޑާއެކު އެ ޓީމު މޮޅުވާނެ ކަމަށް ގިނަބަޔަކު ތިބީ ހީކޮށްގެންނެވެ.

އެހެންނަމަވެސް ހިތްވަރު އެލުވާނުލައި ކުޅެމުންދިޔަ މާމެންދޫ އިން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޝަމްވީލް މުހައްމަދުއެވެ. މި ނަތީޖާއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ގައި މާމެންދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުސާމް ހަސަން ދީދީ، މުސީފް އަބްދުލް ގަފޫރް، މުހައްމަދު ޝުހާން، ރައުހާން ރިއްފަތު އަދި ޝަމްވީލްއެވެ.

ކޮނޑޭގެ ފުރަަތަމަ ތިން ޕެނަލްޓީ ޝިފާޒް އާދިލް (ތުއްތު)، އަހުމަދު ވިޖުދާން (ވިޖުއްކޮ) އަދި އިންޝާއު ކާމިޔާބުކުރިނަމަވެް ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މުހައްމަދު އިމްތިޔާޒް ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭގެ ފަހުން، އަބްދުލް ރަހުމާން ކޮނޑޭގެ ފަހު ޕެނަލްޓީ ކާމިޔާބުކުރިނަމަވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

މި މުބާރާތުގެ ގއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ކޮނޑޭގެ ތުއްތުއެވެ. އެންމެ މޮޅު ކުޅުންތެރިއަކީ މުބާރާތުގައި މާމެންދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ރައުހާންއެވެ.