ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިވަގުތު އެންމެ ބޭނުންވެފައިވާ ހޭނައްތާ ޑޮކްޓަރ ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެޖެންސީން އެ މަސައްކަތް ފަށާފައިވާ ކަމަށާއި ލަސްތަކެއް ނުވެ ޑޮކްޓަރ އަންނާނެކަމުގެ އުފާވެރި ޚަބަރު ގދ. ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ޢަލީ ދެއްވައިފިއެވެ.
އޭނާގެ ފޭސްބުކް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިވަގުތު އެންމެ މުޙިއްމު ހޭނައްތާ ޑޮކްޓަރ ތިނަދޫއަށް ގެނައުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ހަވާލުކުރެވިފައިވާ އެޖެންސީން ފަށާފައިވާ ކަމަށާއި ލަސްތަކެއް ނުވެ އެ ޑޮކްޓަރު ތިނަދޫ އަށް އަންނާނެ ކަމަށެވެ.
މިއީ އެ ހޮސްޕިޓަލު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އެކުލަވައިލި ގަވަރނިންގ ބޯޑުގެ މެމްބަރަކު އެ ހޮސްޕިޓަލް ތަމްސީލުކުރައްވައި ބަހެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ސައުދަކީ ގދ. އަތޮޅު ކައުންސިލް ތަމްސީލް ކުރެއްވުމަށް އެ ހޮސްޕިޓަލުގެ ބޯޑަށް އައްޔަންކުރައްވާފައިވާ މެމްބަރެކެވެ.
ތިނަދޫ ހޮސްޕިޓަލަށް މިވަގުތު އެންމެ ބޭނުންވެފައިވަނީ ހޭނައްތާ ޑޮކްޓަރެއް ކަމަށް ބުނެ، އެ ދާއިރާގެ ޑޮކްޓަރެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވުމުން އެކަމުގެ ކަންބޮޑުވުން އަތޮޅުގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.
ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރަކު ނެތި، ގިނަ ދުވަސްތަކެއް ވެފައިވާތީ އަތޮޅުގެ ގިނަ ރައްޔިތުން އެކަމުގެ ޝަކުވާ ކުރަމުން އަންނަތާ ދުވަސްތަކެެއް ވަނީ ވެފައެވެ. އަދި ހޭނައްތާ ޑޮކްޓަރަކު ނެތުމުން އަތޮޅުގެ ރަށްރަށުން އެރަށަށް އަންނަ މާބަނޑު އަންހެނުން ވެސް ވިހެއުމަށް ދާން ޖެހެނީ ގއ. ވިލިނގިއްޔަށެވެ.