ސ.ހުޅުދޫ ހިރުދުމާގޭގައި ދިރިއުޅެމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ލ.ފޮނަދޫ ބިލަތްކަފާގޭ އަލި ތަކުރު އާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ހިއުމަން ރައިޓްސް އިން ހަވާލުވެއްޖެއެވެ.
މިއަދު އަލި ތަކުރު އާއި ހަވާލުވުމަށް ޖެންޑާގެ ޓީމެއް ހުޅުދޫ އަށް ގޮސްފައިވާއިރު އަލި ތަކުރު މާލެ ގެންދިއުމުގެ މަސައްކަތް ޖެންޑާއިންވަނީ ފަށާފައެވެ. ހުޅުދޫ އަލީ އަންވަރު ފޭސްބުކުގައި ލިޔުނު ޕޯސްޓަކާއި ގުޅިގެން ޖެންޑާރއިން އަލި ތަކުރު އާއި ހަވާލުވެ، މިހާރު އޭނާއަށްވަނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ޖާގަ ލިބިފައެވެ.
މި މަހުގެ 11 ވަނަ ދުވަހު އަލީ އަންވަރު އޭނަގެ ފޭސްބުކު ޕޯސްޓެއްގައި އަލި ތަކުރު ގެ ވާހަކަ ލިޔުމާ ގުޅިގެން އެ މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. 1978 ވަނަ އަހަރު ހުޅުދޫގައި ބަން ބޯޓެއްގެ ކައްކާ މީހެއްގެ މަސައްކަތްކުރަމުން ދިޔަ އަލި ތަކުރު އަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމްވެފައިވާ މީހެކެވެ. މިހާރު އުމުރުން 78 އަހަރު ވެފައިވާ އަލި ތަކުރުގެ އަންބެއްވެސް އަދި ދަރިއެއްވެސް ނެތްކަމަށް އަލީ އަންވަރުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ 18 އަހަރު އެކި ފަހަރު މަތިން އަލި ތަކުރު ހާއްސައެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވާލުމަށް އަލީ އަންވަރުވަނީ މަސައްކަތްކޮށްފައެވެ.
ފަޅުގެއެއްގައި އެކަނިމާއެކަނި އުޅެމުންދިޔަ އަލި ތަކުރު އަށް އޭރު ސަރުކާރުގެ ހިމާޔަތެއް ނުލިބުމުން އަންވަރުވަނީ ލ. އަތޮޅުގައި އޭނާގެ ގާތް މީހަކު ހުރިތޯ ބެލުމުގެ މަސައްކަތްވެސްކޮށްފައެވެ.މީގެ އިތުރުން އަލީ އަނަވަރުގެ މަސައްކަތުން އޭނާ ވަނީ އަލިތަކުރު ހުޅުދޫ އަށް ރަޖިސްޓްރީކޮށް ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑު ހައްދާދީފައެވެ. އަދި ސަރުކާރުން ދޭ އިނާޔަތްތައްވެސް އޭނާއަށް ހޯދާދީފައެވެ.
އަލީ އަންވަރުގެ ހިތްވަރާއި މަސައްކަތުން މިއަދު އަލި ތަކުރު އަށް ވަނީ ސަރުކާރުގެ ހިމާޔަތް ލިބިފައެވެ. އަލީ އަންވަރު ތިކުރެއްވި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއްކަން ޔަގީނެވެ.