English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ރައްޔިތުން ޤައުމުގެ ހައްގުގައި ކުރާ ބޮޑު ޖިހާދެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގައި މިހާރުހިންގަމުން އަންނަ “އިންޑިއާ އައުޓ” ހަރަކާތުގެ ތެރެއިން އދ. މަހިބަދޫ ގައި މިއަދު ބޭއްވި ހަރަކާތުގައި ވާހަކަފުޅޫ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ބޭނުންވަނީ އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ކަމަށެވެ.

އެކަން ނުކޮށް ޤާނޫނާއި ޚިލާފަށް އިންޑިއާ ސިފައިން މިޤައުމުގައި ތިބިހާ ހިނދަކު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ކަމަށާއި މިއެގްރީމަންޓުތައް މިއަދު ދިފާޢު ކުރަމުންދަނީ މިކަމުން ސަލާމަތް ވާނެ ގޮތެއް ނެތުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

“މިއަދު އުތުރު ތިލަފަޅުގެ 100 ޕަސެންޓް ކޮންޓްރޯލް އޮތީ އިންޑިއާގެ އަތުގަ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިންޑިއާ ސިފައިން ބަޑަހަ ޖަހައިގެން އުޅޭއިރު މިކަން ނޭގޭކަމަށް ދިވެހި ސަރުކާރުން ހަދާކަމީ ޤައުމަށް ވާ ބޮޑު ޣައްދާރެއް.” ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެއް ދިވެހި ޤައުމެއްގައި ހުންނެވި ނަމަވެސް އެރައީސަކަށް ވެސް އެއްވެސް ބާރެއް މިއަދު ނެތްކަމަށެވެ. އަދި ރައީސް އޮފީހާއި ޖެހިގެން އިންނަ އިންޑިއާ އެމްބަސީން މިއަދު ނެރޭ ބަޔާންތަކާއި އަންގާ ގޮތަކަށް ނޫންގޮތަކަށް ޤައުމު ހިންގުމެ އެއްވެސް ބާރެއް ރައީސަށް ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.