English Edition
Dhivehi Edition

އެފްއޭއެމުން، ވިކްޓްރީ ސަސްޕެންޑް ކުރުމުގެ ސަބަބުން އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަ ކުރުމުގެ ފުރުޞަތު ޓީމަށް ގެއްލިއްޖެއެވެ.

އެފްއޭ އެމުން ވިކްޓްރީ ސްޕޯރޓްސް ކްލަބް ސަސްޕެންޑް ކޮށްފައިވަނީ، ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދިނުމަށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެވެ.

ވިކްޓްރީން ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެކަންކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ އެކްސްކޯ އިން ނޮވެމްބަރު 1 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު އޮތީ އެ ކްލަބަށް އިންޒާރު ދީފަ އެވެ.

އެފްއޭއެމުން ބުނީ ވިކްޓްރީން ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާކޮށް ފުރުސަތުދީ އެކަންކަން ފުރިހަމަކުރެވެންދެން އެ ޓީމަށް ވަގުތީ ގޮތުން ޕްރޮވިޝަނަލް ލައިސަންސެއް ދީފައިވާނެ ކަމަށެވެ. އަދި އެ ލައިސަންސް ދިނުމުގައި ފުރިހަމަކުރަން އަންގާފައިވާ ކަންކަން ފުރިހަމަނުވުމުގެ ސަބަބުން ކްލަބް ލައިސަންސްގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން ކްލަބް ލައިސަންސްގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިންމަން ވެސް ވިކްޓްރީ އަށް އެފްއޭއެމުން ވަނީ އަންގައިފަ އެވެ. ނަމަވެސް ވިކްޓްރީން މިއަދާއި ހަމަޔަށް އެކަންކަން ފުރިހަމަކޮށްފައި ނުވެއެވެ.

ނޮވެމްބަރު 1 އިން ފެށިގެން ވިކްޓްރީ އަށް އިތުރު ކުޅުންތެރިޔަކު ނުގެނެވޭ ގޮތަށް ޓްރާންސްފާ ހުއްޓުވަން އެފްއޭ އެމްގެ އެކްސްކޯ އިން އޮތީ ފާސްކޮށްފަ އެވެ.

ވިކްޓްރީއާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި އޮތް ޒަމާންވީ ކްލަބް ނިއު ރޭޑިއަންޓުން ވެސް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭތީ އެފްއޭއެމްގެ އެކްސްކޯ މި އަހަރު ވަނީ އެ ކްލަބް ވެސް ސަސްޕެންޑް ކޮށްފައެވެ. ވިކްޓްރީސްޕޯރޓްސް ކްލަބުގެ ޗެއާޕާސަން އަކީ ޑރ. އިބްރާހިމް ނާޝިދެވެ.