English Edition
Dhivehi Edition

މިންތީގެ ހަމަހަމަކަން ޤާއިމުކޮށް އަންހެނުންނަށް ހައްޤުވާ ޖާގަ ޔަޤީންވާން މާ ލަސްވެސް ވެއްޖެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުތައް އަންހެނުން ކާމިޔާބު ކުރާ ނިސްބަތް އިތުރުކުރަން އެންމެ މަސައްކަތް ކުރަންވީ ކަމަށާއި މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިކަންކަމަށް އަޑު އުފުލާ ހައްލުތަކެއް ހޯދުން ކަމަށެވެ. އަދި ޒުވާން އަންހެން ލީޑަރުން އުފެއްދުމުގައި އަންހެނުންގެ ދައުރު ވެސް މުހިންމު ކަމަށް އަސްރާ ވިދާޅުވިއެވެ.

އަސްރާ އިތުރަށް ވިދާޅުވީ ޤާބިލު ޒުވާން އަންހެނުން ކުރިޔަށް ނިކުތުމަށް ހުޅުވާލެވިފައިވާ ހިތަކާއި އެކީ ބާރުއަޅާ އެހީތެރިވާންޖެހޭ ކަމަށާއި އަންހެން ކެންޑިޑޭޓުންނަށް ހިތްވަރު ދޭންވީ ކަމަށެވެ.

“ޤައުމެއް ކުރިއަރާދިއުމުގައި ޒުވާނުންގެ ދައުރު މުހިންމުކަން ޝައްކެއް ނެތް. އެހެނަސް ޖުމްލަ ގޮތެއްގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ގޮންޖެހުންތަކެއް ހުރި އިރު ޒުވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހި ކުރުމަކީ ގޮންޖެހުންތައް ދެގުނަ ވެގެންދާ ކަމެއް. މިންތީގެ މިފަދަ ތަފާތު ކުރުންތައް ގިނަ ފަހަރު ފާޅުގައި ފެންނާކަން ނުހުރޭ. އެހެނަސް ޒުވާން އަންހެންކުދިން އިސް ސަފުން ނުފެންނަކަން ނުވަތަ އިންތިހާއަށް މަދުކަން އެއީ ފާޅުކަން ބޮޑު ހަޤީޤަތެއް.” އަސްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަސްރާ ވިދާޅުވީ ޅަ އުމުރުން ފެށިގެން ސިޔާސީ ސަފަށް ޒުވާން އަންހެން ކުދިން ނެރުމަށް ތައްޔާރު ކުރުން މުހިންމު ކަމަށާއި ސިޔާސަތުތައް ފަރުމާ ކުރާ އިރު ޒުވާން އަންހެން ކުދިންނަށް ޖާގަ ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. ވަކިން ޚާއްސަކޮށް އިންތިޚާބީ މަޤާމުތަކަށް ޒުވާން އަންހެން ކުދިން ތައްޔާރު ކުރަންޖެހޭކަން އަސްރާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އަސްރާ ވަނީ ޤާނޫނު ހަދާ މަޖިލިހަށާއި އެހެނިހެން އިންތިޚާބީ މަޤާމްތަކަށް ވާދަކޮށް ކާމިޔާބު ވާނެ މަގު ހޯދަންޖެހޭ އިންޓަރ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ތަފާސް ހިސާބުތަކަށް ބައްލަވާލައްވާފައެވެ. އަސްރާ ވިދާޅުވި އެ ތަފާސް ހިސާބުދައްކާގޮތުން 30 އަހަރުން ދަށުގެ ޕާލިމެންޓޭރިއަނުން ތިބީ އެންމެ %2.2 ކަމަށާއި އޭގެ ތެރެއިން އަންހެނުން ހިމެނެނީ %1 ވުރެވެސް މަދުން ކަމަށެވެ.

ޤައުމުގެ މުހިންމު ޤާނޫނުތަކާއި ސިޔާސަތު ބައްޓަން ކުރުމުގައި ޒުވާން އަންހެނުންގެ ތަމްސީލުވުން ނެތް ނަމަ، އުފެދޭ ޤާނޫނުތަކާއި ސިޔާސަތުތަކުގައި ޒުވާން އަންހެން ކުދިންނަށް ޚާއްސަކޮށް ދިމާވާ ތަފާތު މައްސަލަތަކަށް ހައްލެއް ލިޔެވިފައި ނޯންނާނެކަން ފާހަގަކުރައްވަ އަސްރާ ވިދާޅުވީ ސިޔާސީ ހުރިހާ ފަންތިއެއްގައި ޒުވާން އަންހެނުން ތަމްސީލު ކުރުން މުހިންމު ކަމަށެވެ.

“މިކަން ހާސިލު ކުރުމަށްޓަކައި ސްޓެރެޓެޖިކް ހައްލުތަކެއް ހޯދަންޖެހޭ. ސިޔާސީ ޕާޓީތަކުގެ ތެރޭގައި ޒުވާން އަންހެނުން ކުރީސަފަށް ނެރުމުގެ ވިސްނުން ހުންނަންޖެހޭ. ޒުވާނުންނަކީ ހަމަ އެކަނި ކުޅިވަރު ކުޅެންވީމަ، މުޒާހަރާ ކުރަންވީމަ، ޖަލްސާތައް ފަޅުފިލުވަން ވީމަ ހޯދާ ބަޔަކަށް ވެގެން ނުވާނެ. ޤައުމުގެ ބޮޑެތި ނިންމުންތައް ނިންމާ މޭޒު ދޮށުން މުހިންމު ޖާގައެއް ލިބެންވާނެ.” އަސްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަސްރާ ވަނީ ޒުވާން އަންހެނުން ކުރިޔަށް ނެރުމަށް ފަސްޖެހެން ޖެހޭ އެއްވެސް ސަބަބެއް އެބަ އޮތް ތޯ؟ ސުވާލު ކުރައްވާފައެވެ.