English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައީސް ރިޔާސީ ބަޔާން ދެއްވާފައިވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ފުރަތަމަ ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަން ޖެހެއެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ އެމްޑީޕީ ފިޔަވާ އެންމެ ގިނަ މެންބަރުން ތިއްބަވާ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. މަޖިލީހުގައި ޕީޕީއެމްގެ 6 މެންބަރުން ތިއްބަވައެވެ.

ރައްޔިތުންގެ މަޖިލީހުގައި މާދަމާގެ ޖަލްސާގައި ފުރަތަމަ މަސައްކަތަކަށް އޮތީ ވެސް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމެވެ.