English Edition
Dhivehi Edition

ރާއްޖޭގެ ދެ އަތޮޅެއްގެ 12 ސަރަހައްދެއް ހިމާޔަތް ކުރަން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވާފައިވަނީ ފެލިދެއަތޮޅު (ވ) އާއި، މާޅޮސްމަޑުލު ދެކުނުބުރި (ބ) އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށެވެ.

މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުންނެވެ.

އެގޮތުން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި 12 ސަރަޙައްދަކީ ވ. ކަވަރުފަޅު ސަރަޙައްދާއި، ފޮއްތެޔޮ ސަރަޙައްދާއި، ހިނގާކުޅީ ފިނޮޅު ސަރަޙައްދެވެ. އަދި ތުޑުހުރާއާއި، ރުއްހުރި ހުރާއާއި، ރަކީދޫ ކޯނަރ އާއި، ފުށިފަރު ފަރުގެ ސަރަޙައްދާއި، ހުރާ ފަޅެވެ.

ބ އަތޮޅުން ހުރާފަރު ސަރަޙައްދާއި، ދަރަވަންދޫ ތިލަ ސަރަޙައްދާއި، ނެލިވަރު ސަރަޙައްދާއި، އިންނަފުށި ސަރަޙައްދެވެ.

މިއީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ.

މި ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކުރެވިފައިވެއެވެ.

މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ޙިމާޔަތްކުރުމާއި، ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.