English Edition
Dhivehi Edition
ފޮޓޯ: ދިރާގު

ދިރާގުގެ އައު ޖެންޑަރ އެކްޝަން ޕްލޭންގެ ދަށުން މައިގަނޑު ތިން ކަމެއް ހާސިލުކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން އެކުލަވައިލި ޖެންޑަރ އެކްޝަން ޕްލޭނާ ބެހޭ މައުލޫމާތު އެ ކުންފުނީގެ އަންހެން މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހު، ހިއްސާ ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ޝަރީފެވެ.

ދިރާގުން ބުނީ ޖެންޑަރ އެކްޝަން ޕްލޭންގައި އަންހެނުންނަށް ދިރާގުން ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމާއި މިހާރަށް ވުރެ ފަސޭހަ ވަޒީފާގެ މާހައުލެއް ގާއިމު ކޮށްދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފަސޭހަކަމާއެކު މަސައްކަތް ކުރުމާއި ވަކި އޮނިގަނޑެއްގެ ދަށުން މީހުން ތަމްރީން ކުރުމާއި ޓެކްނިކަލް، މެނޭޖީރިއަލް ރޯލްތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް މުވައްޒަފުންނާ އެކު، ވަނީ މަޝްވަރާކުރައްވާފައެވެ.

ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމަށްފަހު، އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ދިރާގުގައި ވަޒީފާ އަދާކުރާ މައިންނަށް، އެމީހުންގެ ދަރިން މަސައްކަތުގެ މާހައުލަށް ގެނެސް، ކުރާ މަސައްކަތް ދައްކައިދީ، އޮފީހުގެ ޓުއަރ އެއް ވެސް ވަނީ ދީފައެވެ. އަދި އެހެން މުވައްޒަފުންނާ ބައްދަލު ކުރުވާ، އެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ގޭމް ފަދަ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން ބުނީ އެކުންފުންޏަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ފަހިިކޮށްދޭ ކުންފުންޏެއް ކަމަށާއި އެކަމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް 2019 ވަނަ އަހަރުގެ ތެރޭގައި ވިމެން އެމްޕަވަމަންޓް ކޮމެޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ.

މެޓަރނިޓީ ލީވްއަށް ފަހު ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް މަދަރސް ރޫމްގެ ނަމުގައި ޚާއްސަ ތަނެއް ވަނީ ހަދާފައެވެ. އެއީ 2020 ގެ ތެރޭގައެވެ.

ދިރާގުން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކުން ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

ޓެގު