ދިރާގުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން “އާއިލީ ގުޅުން” މި ޝިއާރުގެ ދަށުން ގިނަ ހަރަކާތްތަކަކާއި ފޯރިގަދަ ޕްރޮމޯޝަންތަކެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އޮފާތައް އިއުލާނުކުރަމުން ދިރާގުން ބުނީ، މިއަހަރުގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި އާއިލާތަކުގެ މެދުގައި އޮންނަ ގާތްކަން އިތުރުކޮށް، ކިތަންމެ ދުރުގައި ތިބި ނަމަވެސް އެ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން ކަމަށެވެ.
މިއަހަރުގެ ރޯދަ ޕްރޮމޯޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދިރާގު އެޕް މެދުވެރިކޮށް ކުޅެވޭ ކާށި ބިންނަ ގޭމެކެވެ. މި ގޭމް ކުޅޭ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭއިރު، މި ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޗައިނާއަށް ދެ މީހެއްގެ ޗުއްޓީ ދަތުރެއް ލިބޭނެއެވެ. މީގެ އިތުރުން “ސަޅި އާއިލާ” ޕްލޭން މެދުވެރިކޮށް އާއިލާގެ މެންބަރުންގެ މެދުގައި 30ޖީބީއާ ހަމައަށް ޑޭޓާ ހިއްސާކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ކަސްޓަމަރުންނަށް ޑޭޓާގެ ލުއިތައް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ރޯދަ މަހުގެ ހާއްސަ ވަގުތުތަކަށް އަމާޒުކޮށްގެން ޑޭޓާ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ. އެގޮތުން ރޭގަނޑު 9 އިން ދަންވަރު 1 އަށް ބޭނުންކުރެވޭ “ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ” 35 ރުފިޔާއަށް (1 ދުވަހަށް) ނުވަތަ 199 ރުފިޔާއަށް (28 ދުވަހަށް) ލިބޭނެއެވެ. އަދި ދަންވަރު 1 އިން ފަތިހު 4 އަށް “ހާރުދަމަށް އަންލިމިޓެޑް ޑޭޓާ” ނުވަތަ ވޮއިސް ކޯލް އެއް ގަޑިއިރަށް މުޅިން ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ފައިބާ ކަސްޓަމަރުންނަށް އެއްވެސް އިތުރު އަގަކާ ނުލައި ދެ މަސް ދުވަހަށް “ލިމިޓެއްނެތް ފައިބާ” ޕެކޭޖަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ދިރާގުން ވަނީ “މަމްސް އެއިޑް” އާ ގުޅިގެން އެހީތެރިކަމަށް ބޭނުންވާ 100 އާއިލާއަކަށް ކާބޯތަކެތީގެ ބާސްކެޓް ހަދިޔާކުރުމަށް ނިންމާފައެވެ. ދިރާގުޕޭ މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާކުރުމާއި ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މި ހުރިހާ އޮފާތަކުގެ އިތުރުން، އާއިލީ ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއް ރޯދަ މަހުގެ ފުރަތަމަ ދުވަހު އާންމުންނަށް ދައްކާލާނެއެވެ. އަދި އާންމުންގެ މެދުގައި މަގުބޫލު “ގުޑި-ފެސްޓް” އަދި “ތަށިބަރި މޫވްމަންޓް” ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުވެސް ކުރިއަށް ގެންދާނެއެވެ.