ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. ކިހާދޫގެ އަންހެނުން އެރަށު އީކޯ ސެންޓްރޯ ހިންގުމާއި ހަވާލުވެއެއްޖެއެވެ.
އީކޯ ސެންޓްރޯގެ މެނޭޖްމަންޓާއި، އޮޕަރޭޝަންސްގެ ހުރިހާ މަސައްކަތެއް މިދުވަހު ކުރިއަށް ގެންދިޔައީ ކިހާދޫގެ އަންހެނުންނެވެ. މީގެ އިތުރުން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަށް ދަރަވަންދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލް މެންބަރުން ވެސް ކިހާދޫއަށް ވަޑައިގެންނެވިއެވެ.
ކިހާދޫގެ 26 ޒީރޯ ވޭސްޓް ޗެމްޕިއަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގެ މަގުސަދަކީ ހައުސް ހޯލްޑް ވޭސްޓް ސެގްރެގޭޝަން ނުވަތަ ގޭބީސީތަކުގައި ކުނި ވަކިކުރާނެ ގޮތާއި ހަރުދަނާ ގޮތެއްގައި ކުނި މެނޭޖްކުރުމާއި ޕްރޮފެޝަނަލް ވޭސްޓް މެނޭޖްމަންޓްގެ ކެރިއަރއަކަށް ޝައުގުވެރިވާ އަންހެނުންނަށް މިމަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ސޮނޭވާ ނަމޫނާގެ އެއްބާރުލުމާއެކު ހަދާފައިވާ އެ ރަށުގެ އީކޯ ސެންޓްރޯއަކީ ކުނި ޕްރޮސެސް ކުރުމަށް ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވި، ކުނި މެނޭޖްކުރުމަށް ބޭނުންވާނެ މެޝިނަރީ އާއި އެއްކޮށް ތައްޔާރުކުރެވިފައިވާ ކުނި މެނޭޖްކުރާ ސެންޓަރެކެވެ. މިގޮތުން ކުނި ކޮމްޕެކްޓް ކުރާ މެޝިނާއި މޯބައިލް ގްލާސް ކްރަޝަރސްގެ އެހީގައި ކުނިން ނަގާ ޖާގަ ދިހަ ގުނައަށް ކުޑަކޮށްދީ ކުނި މެނޭޖްކުރުމުގައި އެހީތެރިވެދެއެވެ.
މިހަރަކާތް ރޭވި 26 ޒީރޯ ވޭސްޓް ޗެމްޕިއަނުންނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކިހާދޫގައި ތަފާތު އިވެންޓްތައް ރާވައި ކުރިއަށް ގެންދާ ވޮލިއުންޓަރީ ގްރޫޕެކެވެ. އަދި ކުނި މެނޭޖް ކުރުމުގެ ކަންކަމުގައި ކިހާދޫގެ މުޖުތަމަޢު އާއި ރަށު ކައުންސިލާއި ޒީރޯ ވޭސްޓް ޗެމްޕިއަނުން ގުޅުވާދެއެވެ.
މި ހަރަކާތުގެ ބައިވެރިއެއް ކަމަށްވާ ރަތީބާ މޫސާ ބުނީ މިއަދު އީކޯ ސެންޓްރޯގައި މަސައްކަތް ކުރަމުން ދިޔައިރު ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށާއި މިސާބިތުކޮށްދިނީ، ކޮންމެ މީހަކަށް ވެސް މިބާވަތުގެ މަސައްކަތެއް ކުރެވިދާނެކަން ކަމަށެވެ.
“މިފަދަ ފުރުސަތުތައް ފަހިވުމަކީ، ޒުވާން އަންހެނުންނަށް އެމީހުން ކުރިއަށް ދާން ބޭނުންވާ ކޮންމެ ދާއިރާއެއްގައިވެސް މަސައްކަތްކޮށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް،” ރަތީބާ ބުންޏެވެ.
ސޮނޭވާ ނަމޫނާ އޮޕަރޭޝަންސް އެންޑް ކޮމިއުނިޓީ އެންގޭޖްމަންޓްގެ ޑިރެކްޓަރު ކަތަރްޒިނާ މާރިއާ އިޒިޑޯރިކްޝެކް (ކޭޝް) ވިދާޅުވީ ކިހާދޫގެ ޒީރޯ ވޭސްޓް ޗެމްޕިއަނުންގެ އިސްނެގުމާއެކު މިފަދަ ހަރަކާތްތައް ކިހާދޫގައި ކުރިއަށް ގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިވަގުތު ކިހާދޫގައި މިތިބީ އެންމެ 26 ޒީރޯ ވޭސްޓް ޗެމްޕިއަނުންކަމުގައި ވިއަސް އެފަރާތްތަކުން އެގެންދަނީ މުޅި ކިހާދޫގެ މުޖުތަމަޢުވެސް ޒީރޯ ވޭސްޓް ޗެމްޕިއަނުންނަށް ބަދަލުވުމަށް ނަމޫނާ ދައްކައިދީ ހިތްވަރުދެމުން ކަމަށެވެ.
“މި ހަރަކާތުން އަޅުގަނޑުމެންނަށް ފެންނަމުން މިދާ މަންޒަރަކީ، މުޖުތަމަޢު ކުންޏާ ދޭތެރޭ ދެކޭގޮތް ބަދަލުވާލަތަން. އަޅުގަނޑުމެންގެ އުންމީދަކީ ގައުމީ ފެންވަރުގައިވެސް މިފަދަ ބަދަލެއް އައުން،” ކޭޝް ވިދާޅުވިއެވެ.
ސޮނެވާ ނަމޫނާ އަކީ ރަށު ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމަށް އަހައްމިއްޔަތުކަން ދީގެން، ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ އާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. ބ. އަތޮޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްތައް ޕައިލެޓް ކުރުމަށްފަހު، އެ ޖަމްޢިއްޔާއިން ދާދިފަހުން ވަނީ ނ. އަތޮޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމް ކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް އަދި ޓެކްނިކަލް އެހީ ނ. އަތޮޅު ކައުންސިލަށް ފޯރުކޮށްދިނުމުއްޓަކައި އެމް.އޯ.ޔޫ.އެއްގައި ސޮއިކޮށްފައެވެ.