English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. ކިހާދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށުގެ ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.

ކިހާދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި ވޮލީކޯޓް ހުޅުއްވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.

ކިހާދޫ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީ ހޯގާރޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަޅު ފުންކުރުމާއި 231 މީޓަރު ބޮޑުހިލަޖެހުމާއި 209 މީޓަރު ރިވެޓްމަންޓް ޖެހުމާއި 326 މީޓަރުގެ ބޭރުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭއިތުރު މަސައްކަތްތައް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ކިހާދޫގެ ވޮލީކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީކޯޓެކެވެ. ވޮލީކޯޓް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.