އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވާނެ ކަމަށް އީޕީއޭ ރިޕޯޓުން ދެއްކިނަމަވެސް، އައްޑޫ އަށް ގެންނަން އުޅޭ ތަރައްގީ ނުހުއްޓި ކުރިޔަށް ގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝައުނާ ހާޟިރުވުމުން މެންބަރުންނަށް ސުވާލު ކުރައްވަން ދިން ފުރުސަތުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ނުހުއްޓުވާނެ ކަމަށާއި އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމަށެވެ.
“އެއްގޮތަކަށް ވެސް އައްޑޫގެ ތަރައްގީއަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން، އަޅުގަނޑުމެންގެ ސަރުކާރަކުން ވެސް އައްޑޫގެ ތަރައްގީއަކަށް ހުރަހެއް ނާޅާނަން،” ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ އައްޑޫ މަރަދޫއާއި މަރަދޫފޭދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު، އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން މިއަދު 2:30 ގައި އީޕީއޭ އާއި ޕްލޭނިންގ މިނިސްޓްރީ އީއައިއޭ ކޮންސަލްޓަންޓާ އެކީ ބައްދަލުކުރާނެ ކަމަށާއި އެ މަޝްރޫއު ހިންގަން ކުރިޔަށް ދާނެ ގޮތަކާ މެދު އެ ބައްދަލުވުމުގައި ވިސްނަވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.