English Edition
Dhivehi Edition

ބޮލީވުޑުގެ ބަތަލާ ސޮނާކްޝީ ސިންހާގެ މައްޗަށް ތުހުމަތުކުރެވޭ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން، އޭނާ ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ސޮނާކްޝީ ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ މޮރާދް އާބާދު ކޯޓަކުންނެވެ. ސޮނާކްޝީގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ތަފްސީލް ހާމަކުރަމުން ބޭރުގެ މީޑީއާތަކުން ބުނީ ޕްރަމޯދު ޝަރުމާ ނަމަކަށް ކިޔާ މީހަކު އިންތިޒާމު ކުރި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޝޮނާކްޝީއަށް ދައުވަތު ދީ އެކަމަށްޓަކައި އޭނާއަށް 37 ލައްކަ އިންޑިއަން ރުޕީސް ދީފައިވާކަމަށެވެ. އެހެން ނަމަވެސް އެ ހަފުލާއަށް ސޮނާކްޝީ ހާޒިރުވެފައި ނުވާތީ ޕްރަމޯދު ވަނީ މި ފައިސާ އަބުރާ ހޯދުމަށް ސޮނާކްޝީގެ މެނޭޖަރާއި ވަރަށް ވާހަކަދައްކާފައެވެ.

މީގެ އިތުރުން މި ފައިސާ އަބުރާ ހޯދުމަށް އެތައް ފަހަރެއްގެ މަތިން ސޮނާކްޝީ އާއި ވާހަކަ ދެއްކުމުން ވެސް އެ ފައިސާ އަނބުރާ ނުލިބުމުން ޕްރަމޯދު ވަނީ، ސޮނާކްޝީ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ބަޔާން ނެގުމަށް ފުލުސް އޮފީހަށް ދިޔުމަށް އެތައް ފަހަރަކު އެންގުމުން ވެސް ސޮނާކްޝީ އޭނާގެ ބަޔާން ދިނުމަށް ހާޒިރުވެފައި ނުވާކަމަށެވެ. އެހެންކަމުން މިހާރު ކޯޓުން ވަނީ މަކަރާއި ހީލަތުގެ މައްސަލާގައި ސޮނާކްޝި ހައްޔަރު ކުރުމުގެ ޢަމުރެއް ނެރެފައެވެ.