English Edition
Dhivehi Edition
ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ސިޔާސަތަކީ ވަކި ޤައުމަކަށް ބަރޯސާނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޝްރީ މުނޫ މަހާވަރު އާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލު ކުރެއްވުމުގައި އެމްއެންޕީ ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ނިންމުންތައް ނިންމާނީ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރި ގުޅުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭތިއްބުމަކީ އެމްއެންޕީން ތާޢީދުކުރާނެ ކަމެއް ނޫން ކަމަށެވެ.

“ނަމަވެސް ރާއްޖެއާއި އެކި ޤައުމުތަކުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދުމާއި، މިލިޓަރީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކާއި ގުޅިގެން ޖޮއިންޓް ތަމްރީނުތައް ހެދުމުން ދޭދޭ ޤަޢުމުތަކަށް މަންފާތަކެއް ވާނެ.” ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވަނީ އިންޑިއާ އިން ރާއްޖެއަށް ދެމުންގެންދާ އެހީތައް ފާހަގަކުރައްވާފައެވެ. އެގޮތުން އިންޑިއާގެ އެކިއެކި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ، ރާއްޖޭގެ އިޤްތިޞާދަށާއި ޢާންމު ރައްޔިތުންނަށް އެކަމުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއްކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އިންޑިއާ އިން ދެއްވާ ލޯން އަދި ގްރާންޓްތަކުގެ މަސައްކަތްތައް ހަވާލުކުރުމުގައި ރާއްޖޭގެ ކުންފުނިތަކަށް ބައިވެރިވެ މަސައްކަތްކުރެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައި އޮތުން މުހިއްމު ކަމަށެވެ.

އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެމްއެންޕީން އިންޑިއާ އާ ރާއްޖެއާ ދެމެދު އޮންނަ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.