English Edition
Dhivehi Edition

ޝަޢުބާން މަހުގެ ދުވަސްތަކަކީ އަަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލުތައް އިތުރު ކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

“ޝައުބާންމަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ ތަފާތު ވަގުތުތަކާއި ދުވަސްތަކާއި ރޭތަކާއި މައްސަރުތައް މާތްކުރައްވައި, ކުރު އުމުރެއްގައި ގިނަގުނަ ހެޔޮކަންތައްތައް ކުރެވޭނެ ގޮތް މާތް الله ވަނީ މި އުންމަތުގެ މީހުންނަށްޓަކައި މިންވަރު ކުރައްވާފައިވާ ކަމަށެވެ. އަދި އެ އަޅުކަންތައްތަކުގެ އަޖުރު މާތް الله އިތުރުކުރައްވާފައިވާ ކަމަށެވެ.

މިއަދު ފެށިގެން މިދަނީ ހުރުމަތްތެރި ކުރެވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހާ ދެމެދުގައިވާ އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާ މެދު ޣާފިލުވެފައިވާ ޝަޢުބާން މަސް ކަމަށް ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

“ޝަޢުބާން މަހުގެ ދުވަސްތަކަކީ އަަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތަށް ހެޔޮ ޢަމަލުތައް އިތުރު ކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ. އެފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ހިނގާށެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

އެމަހުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަ ހިފުން ކަމަށާއި އެމަހަކީ މީސްތަކުންގެ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތައް އުފުއްލެވޭ މައްސަރު ކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ.

ޝައުބާން މަހު ރޯދަހިފުން ގިނަކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށާއި މާތް الله ގެ ހަޟްރަތުން ދަރުމައާއި ސަވާބަށް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

“اللهގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހަރީފު (އެބަހީ: ހަތްދިހަ އަހަރު)ގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ,” ޚުތުބާ ގައި ބުންޏެވެ.