ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ފެންވަރު ރަނގަޅު ނާޒިރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވާފައިވާ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރުން އަދި ޙާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމްކުރުމާއެކުއެކީގައި އެ ތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ވޭތުވެގޮސްފައިވާކަން ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެންމިދާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
“ޕްރިންސިޕަލުންނަކީ ތަޢުލީމީ މުޢައްސަސާތަކުގައި ގިނަ ޢަދަދެއްގެ މީހުންނާއެކު ޓީމެއް ލީޑުކޮށްގެން މަސައްކަތް ކުރާ ފަރާތަކަށްވީހިނދު، ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭ. އެގޮތުން ސަރުކާރުގެ ސިޔާސަތަކީ ވެސް މުޅި ރާއްޖޭގެ އެންމެހާ ސަރަޙައްދުތަކަށް ދަތުރުކޮށް އެތަންތަނުގައި ހުރި މައްސަލަތައް ގާތުން ބަލައި ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދަދިނުން.” ނައިބު ރައީސް ވިދާޅުވިއެވެ.