English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ގާއިމުކުރި “ބީޓެކް ޕޯލްޓްރީ ފާމް” އިން ކުކުޅު ވިއްކަން ފަށައިފިއެވެ.

އައްޑޫ ސިޓީގައި ކުކުޅު އާލާކޮށް އޭގެ ވިޔަފާރި ހިންގުމަށް ސިޓީ ކައުންސިލުން އިސްނަގައިގެން ހުޅުވައިލި ފުރުސަތުގައި، ހިތަދޫ ބީޓެކް ކުންފުނިން ވަނީ މި މަސައްކަތް ފެށުމަށް ޝައުގުވެރިކަންފާޅުކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބީޓެކް ކުންފުންޏަށް ލިބުނު ބިމުގައި ތިރީސްހާސް ކުކުޅު ގެންގުޅެވޭނެ ކެޕޭސިޓީއެއް ހުރިއިރު، ފުރަތަމަ ޝިޕްމެންޓުގައި 5000 ބިސް ގެނެސް ކާމިޔާބުކަމާއި އެކު ކުކުޅުތައްވަނީ އާލާކޮށްފައެވެ.

މި ފާމުގައި ކުކުޅުތައް ގެންގުޅުމަށް، ކްލައިމެޓް ކޮންޓްރޯލް ނިޒާމެއް ޤާއިމު ކުރެވިފައިވާއިރު މީގެ ސަބަބުން ކުކުޅުތައް ބެލެހެއްޓުމަށް މީހުން ތިބެން ޖެހޭ މިންވަރު މަދުވެ، ހުރިހާ ކަމެއްވެސް އޮޓެމޭޓެޑް ނިޒާމެއްގެ ދަށުން މެނޭޖް ކުރެވިގެންދާނެއެވެ،

އެ ތަނުން ފިނިކުރި ކުކުޅު 65 ރުފިޔާއަށް ލިބޭއިރު ކުކުޅު ވިއްކުމުގެ މަސައްކަތް ކުރިއަށް ދާނީ ހިތަދޫ ލޯކަލް މާރުކޭޓްގައެވެ. އެތަނުން ދިރޭ ކުކުޅުގެ އިތުރުން ކޮށި ކުކުޅުވެސް ލިބެން ހުންނާނެއެވެ. ކުކުޅުގެ އިތުރުން، ކުކުޅު ބިސް ވިއްކުމަށްވެސް އެ ކުންފުނިން ތައްޔާރުވަމުން އަންނައިރު މިހާރު ވަނީ އެކަންކުރާނެ ރަނގަޅު ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.

ބީޓެކްގެ ޕޯލްޓްރީ ފާމުން އަދި ކުކުޅު ވިއްކަނީ އައްޑޫގައި އެކަންޏެވެ. އެހެން ނަމަވެސް، އެ ކުންފުނީގެ އަމާޒަކީ ކުކުޅާއި ކުކުޅު ބިސް ފުޅާދާއިރާއެއްގައި ވިއްކުމެވެ.