English Edition
Dhivehi Edition

ވިލާ ކޮލެޖުގެ އަމާޒަކީ ރާއްޖޭގައި ތިބެގެން ބޭރުގެ ފެންވަރުގެ ކޯސްތައް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ކޮލެޖުގެ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ވިލާ ކޮލެޖުގެ 2022 ވަނަ އަހަރުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ހަފުލާގައެވެ.

ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުގެ އަމާޒަކީ ރާއްޖެއިން ބޭރުގެ ފެންވަރުގެ ކޯސްތައް ރާއްޖޭގައި ތިބެ ހަމަ އަގެއްގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުން ކަމަށެވެ. އަދި، ހިއުމަން ކެޕިޓަލް ތަރައްގީކުރުމަށްޓަކައި އިންވެސްޓްކޮށްގެން ވެސް ދަރިވަރުންނަށް އަގުހުރި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

ވިލާ ކޮލެޖުން ޖުމްލަ 122 ކޯހަށް ފުރުސަތު ހުޅުވާލިއިރު، އޭގެތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، ޝަރީއާ، ލޯ، ޓުރިޒަމް އެންޑް ހޮސްޕިޓަލިޓީ ހިމެނެއެވެ. އަދި ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމަންޓް، އިންޓަރނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، މާކެޓިންގ ވެސް ހިމެނެއެވެ.

މީގެ އިތުރުން ހިއުމަށް ރިސޯސް، އިންޖިނިއަރިންގ، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗަރ އެންޑް ޑިޒައިންގެ ދާއިރާ ވެސް ވަނީ ހިމަނާފައެވެ.

މި ކޯސްތަކާއިބެހޭ ގޮތުން ވިލާ ކޮލެޖުން ބުނީ މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ / ސެޓްފިކެޓް 3 ފެންވަރުގެ 12 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އާއި އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް މި އިންޓޭކަށް ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މިއަހަރުގެ މެއި މަހުގެ އިންޓޭކަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މަރސްޓަރޒް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ވެސް ހިމެނެއެވެ.

މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.