ރާއްޖޭގެ ފުރަތަމަ ސައިކޮލޮޖީ ލެބް ގާއިމުކޮށް، ވިލާ ކޮލެޖުން ތާރީޚުގެ ތެރެއިން ޖާގަ ހޯދަައިފި އެވެ.
މި ލެބް އިފްތިތާޙް ކޮށްދެއްވާފައިވަނީ ވިލާ ކޮލެޖުގެ ސައިކޮލޮޖީ ލެބްގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޝަރަފުވެރި މެހުމާނު، ޑރ. އާފިއާ އަލީ އެވެ.
މި ރަސްމިއްޔާތުގައި ޑރ. އާފިއާ ވަނީ ވިލާ ކޮލެޖުގެ ފަރާތުން އެފަދަ ތަފާތު ތަޖުރިބާއެއް ދަރިވަރުންނަށް ހޯދައިދިނުމުގައި ކޮށްފައިވާ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި ސައިކޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރާ ދަރިވަރުންނަށް އެކި ތަޙުލީލުތައް ހެދުމަށް ޚާއްސަ ލެބެއް ގާއިމްވެފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓަޑީޒްގެ ލެކްޗަރަރ އަދި ކައުންސެލަރ، އާއިޒް އަހްމަދު ރަޝީދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމާއި ދާއިރާއިން ތަޖުރިބާ އާއި ހުނަރު އިތުރުވާ ފަދަ ކަންތައްތައް ތަޢާރަފްކުރުމަކީ ވިލާ ކޮލެޖުގެ ފަރާތުން އަބަދު ވެސް މައިގަނޑު އަމާޒެއް ކަމަށެވެ.
” ސައިކޮލޮޖީގެ ދާއިރާއިން ވިލާ ކޮލެޖުން މަތީ ތަޢުލީމް ޙާސިލްކުރާ ދަރިވަރުންނަށް މި ލެބޯޓްރީގެ ސަބަބުން އެތައް ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެ. ވިލާ ކޮލެޖުން އަބަދު ވެސް ދަރިވަރުންގެ ކުރިއެރުމަށް އިސްކަންދޭނެ.” އާއިޒު ވިދާޅުވި އެވެ.
ވިލާ ކޮލެޖުން ބުނީ މި ލެބު ފަރުމާކޮށްފައިވަނީ ސަބަބުން ސައިކޮލޮޖީގެ ދާއިރާއިން އެކްސްޕެރިމެންޓަލް ލަރނިންގ އިތުރުކުރުމަށް ދަރިވަރުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ފަދަ ގޮތަކަށް ކަމަށެވެ.