ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕް ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.
ސްކޮލަރޝިޕްތައް ދަރިވަރުންނާއި ޙަވާލު ކުރެވުނީ އެކަމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދަރިވަރުންނާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވައި ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ދަރިވަރުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ރާއްޖޭގައި ނަރުހުން ތަމްރީނު ކުރުމަށްޓަކައި ކުރައްވާ މަސައްކަތް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ސްކޮލަރޝިޕާއެކު މި ދާއިރާއިން ރާއްޖޭގެ އެންމެ ރަނގަޅު ފެންވަރުގައި ކިޔެވުމުގެ ފުރުސަތު މި ދަރިވަރުންނަށް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ދެ ކޯހަކަށް ވަނީ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ވިލާ ކޮލެޖުން އޮފަރ ކުރާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ ބެޗެލަރ އޮފް ސައިންސް (އޮނަރސް) ނަރސިންގ (އިންޓަރނޭޝަނަލް) (ޓޮޕްއަޕް) ޕްރޮގްރާމާއި ވިލާ ކޮލެޖުގެ ޑިޕްލޮމާ އިން ނަރސިންގ ޕްރޮގްރާމެވެ.
މި ދެ ކޯހުން ޖުމްލަ 7 ދަރިވަރުން ވަނީ ސްކޮލަރޝިޕަށް ހޮވި، އެކަމުގެ ލިޔުން ޙަވާލުކުރެވިފައެވެ.
އެދަރިވަރުންނަކ ބީ.އެސް.ސީ (އޮނަރސް) ނަރސިންގ (އިންޓަރނޭޝަނަލް) (ޓޮޕްއަޕް): އިހުސާނާ އަބްދުލް އަލީމް އަދި ނޫރުލް ހުދާ އަޝްރަފް، ޑިޕްލޮމާ އިން ނަރސިންގ: ހައްވާ ސަނާ ރަޝާދު، ފާތިމަތު ޒައިނާ ޒާހިރު، ޚަދީޖާ އަޔާތު، ޝައްމަ މުފީދު މުޙައްމަދު އަދި ޒަންދާ ޢަބްދުﷲ ދީދީއެވެ.