English Edition
Dhivehi Edition

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ހުންނަ އެނިމަލް ކަރަންޓީނު ޔުނިޓުގައި ދޫނިތައް މަރާލިގޮތުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުވައިފިއެވެ.

އެ ހާދިސާގެ ތަފްސީލީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާ ކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނިނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެ މިނިސްޓްރީން ބުނީ ރިޕޯޓުގައި ހިމެނޭ ކަންކަން ހާމަކުރައްވާނީ އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުން ވަކި އެއްޗެއް ފާހަގަކުރެއްވުމުން ކަމަށެވެ.

ރާއްޖެ އެތެރެ ކުރި ދޫނިތަކެއް ސަރުކާރުން ހިފަހައްޓާ މަރާލި މައްސަލައިގައި އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ރިޕޯޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފިޝަރީޒް މިނިސްޓްރީއަށް އަންގަވާފައިވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ވީއައިއޭ ގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައި އެ ދޫނިތައް މަރާލާފައިވަނީ އެއީ ރާއްޖެ އެތެރެ ކުރުން މަނާ ދޫނިތަކެއް ކަމަށް ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދޫނީގެ ވިޔަފާރިކުރާ ޕެޓް މާސްޓަރ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި ގުރާ ޢާއިލާގެ އެކި ވައްތަރުގެ 120 ދޫނީގެ ތެރޭގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗަރގެ ރެޑް ލިސްޓްގެ “ނިއަރ ތްރެޓެންޑް” ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެއެވެ.