English Edition
Dhivehi Edition
ފޮޓޯ: ގާފު އޮންލައިން

ކާޑެއްދޫ އެއަރޕޯޓުގެ ސަބަބުން ހުވަދޫގެ ފަތުރުވެރިކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ވިލާ އެއަރގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓު ހިންގުން ވިލާ އެއަރ އާއި ހަވާލުކުރުމުން އެ އެއަރޕޯޓަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ އައްޑޫ އެއަރޕޯޓަށްވުރެ ހާސްގުނަ ރަނގަޅު އެއަރޕޯޓަކަށް ކާޑެއްދޫ އެއާޕޯޓު ހައްދަވައިދެއްވާނެ ކަމަށާއި ހުވަދޫ ރައްޔިތުން އައްޑޫ އެއަރޕޯޓަށް ބަރޯސާވާން ނުޖެހޭނެ ކަމަށެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް އިތުރަށް ވިދަލުވީ އެއަރޕޯޓު ތަރައްގީވެގެން ދާއިރު އެތަނުގައި ސީޕްލޭން ޓާމިނަލެއް ވެސް އެޅިގެންދާނެ ކަމަށާއި އޭގެ ސަބަބުން ހުވަދޫގެ ފަތުރުވެރިކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަަމަށެވެ.

ވިލާ އެއަރ އިން ކާޑެއްދޫ އެއަރޕޯޓާ ހަވާލުވީ އިއްޔެއެވެ. އެ އެއަރޕޯޓު ހިންގުމާ، ގދ. ތިނަދޫ/ޝިޕާ، އަޙްމަދު ޙަބީބާ ހަވާލުކޮށްފައިވާކަން ވެސް ގާސިމް ވަނީ އިއުލާންކުރައްވާފައެވެ.

އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެއަރޕޯޓް ހިންގި ކަމަށް ބުނެއެވެ.

އެ މައްސަލައިގާ ވިލާ އެއަރ އިން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ އެއްބަސްވުން އުވައިލީ ގޯސްކޮށް ކަމަށާއި އެހެންވެ އެތަން އަނބުރާ ދިނުމަށެވެ. އަދި އެހުކުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށް އެ އެއަރޕޯޓް ވިލާއަށް ދިނުމަށް އަމުރު ކޮށްފައެވެ.

އެ ހުކުމާ ގުޅިގެން، ވިލާ އެއަރ އަށް އެ އެއަރޕޯޓް އަލުން ހަވާލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ކުރަމުން އައިސް އެކަމުގައި އެއްބަސްވުންތަކަކަށް އާދެވި މި އެއްބަސްވުމުގައި ސޮއިކުރެވުނީ އިއްޔެއެވެ.