English Edition
Dhivehi Edition
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު – ފޮޓޯ : ރައީސް އޮފީސް

މަދު ދުވަސްތަކެއްގެ ތެރޭގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި ހިންގާ އިދިކޮޅު ކޯލިޝަން ނުވެސް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްއިން، ރުމާލު 2 ޖަގަހައިގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، މި ރާއްޖޭގައި ދެން އެމްޔޫއޯއެއް ނޯންނާނެކަމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ ރާއްޖޭގެ ވެރިކަމަށް އައުމަށް ވަރަށް ބޮޑަށް ދަހިވެތިވެފައިކަމަށެވެ. އަދި އެކަން ކާމިޔާބު ނުވުމުން، އެފަރާތްތަކުން ދަނީ ބޭރުގެ ޤައުމުތަކުގައި ރާއްޖޭގެ އަގުވައްޓާލައި ރާއްޖެ ވިއްކާލުމުގެ މަސައްކަތް ކުރަމުންކަމަށް މޫސަ ވިދާޅުވިއެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ތިއްބަވާއިގެން ރާއްޖޭގެ ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގެންދަވާ އިދިކޮޅު ފަރާތްތަކަށް ރޭގެ ޖަލްސާގައި މޫސަ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އަންނަ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ނުނެރެވިގެން އުޅޭ ސަބަބަކީ ވެސް ރާއްޖޭގެ އަގުވައްޓާލުމަށް ބޭރުގެ ގައުމުތަކުގައި މަސައްކަތް ކުރުން ކަމަށެވެ.

“އެހެންވެގެން އަޅުގަނޑުމެން މި ދަންނަވަނީ، އަޅުގަނޑުމެން ރައީސް ޔާމީން ހޮވާނީ އެއް ލަކިންނޭ، ކިތަންމެ ރުޅިއަޔަކަސް އެކަން އަޅުގަނޑުމެން ކުރާނަން” މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މި ޤައުމު ވިއްކާލައި، ރާއްޖެއިން ދިވެހި ރައްޔިތުން ބޭލުމަށްފަހު، ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދީ، މި ރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަންތައް ކުރުމުގެ ފުރުސަތު ދިނުމަށް ދިވެހި ރައްޔިތުން ނޭދޭކަމަށެވެ.

“މި ރާއްްޖޭގެ ގާނޫނާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވާގޮތުން، ބޭރު މީހުން ރާއްޖެ އައިސްގެން އެ މީހުން ބުނާގޮތަކަށް ކަންތައް ކުރާކަށް ޖާގައެއް ނެތް . ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުން މަޖިލީހަށްކަމަށް މި ރާއްްޖޭގެ ގާނޫނާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވީހިނދު އެކަން މިހާރު ތަޅާފޮޅައިގެން “ހެލްމެޓް” އަޅައިގެންވެސް ކުރެވޭ” މޫސަ ރޭ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތަކަށް އަލިއަޅުއްވާލައްވަމުން މޫސަ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހައްދުފަހަނައަޅާ އުޅޭ ދީނީ ބަޔަކު އުޅެމުންދާ ކަމަށް ބުނަމުންދާއިރު، ހަޤީޤަތުގައި ރާއްޖޭގައި ތިބި ހައްދުފަހަނައަޅާފައިވާ ބަޔަކީ، ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ކަމަށެވެ.