English Edition
Dhivehi Edition
ފައިސަލް ނަސީމް ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވަނީ/ފޮޓޯ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރައްވައިފި އެވެ. އެމަނިކުފާނު ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޚާއްސަ ދަރުބާރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުގެ ހުވާ ، ނާއިބު ރައީސް ފައިސަލް ނަސީމަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ޢަދުނާނެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރައްވަނީ

 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު، ނައިބް ރައީސް ފައިސަލް ނަސީމްއާއި ޙަވާލު ކުރައްވައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްވެސް އަންގަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުޙާއްމަދު ޞާލިޙު، ތައިރޮއިޑް އޮޕަރޭޝަން ކުރައްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެވަޑައިގެންފިނަމަ، އެކަން ލިޔުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރައްވަންވާނެކަމަށް ޤާނޫނު އަސާސީގެ 123ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ބުދަ ދުވަހުއެވެ.

ފުރާވަޑައިގަތުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ސިންގަޕޫރަށް ވަޑައިގަންނަވަނީ ތައިރޮއިޑްގެ ފަރުވާއަށްކަމަށެވެ. އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.