English Edition
Dhivehi Edition

ތިނަދޫގައި އަޅާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ވަނީ ލޯނު ހަމަޖެހިފައި ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ 2 ވަނަ ކުއަރޓާގައި ޓެންޑަރަށް ހުޅުވާލާނެ ކަމަށާއި މި ހޮސްޕިޓަލް ޑިޒައިން ކުރުމަށް މިހާރު ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ތިނަދޫގައި މިހާރު ހުރި އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ވެސް އަލި އަޅުއްވާލައްވާފައެވެ.

“އެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފަ. މިމަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ. ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތަށް 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަން މިނިސްޓަރ ފާހަގަ ކުރެއްވި އިރު، ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ.

އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތައް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާއި އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.

ހޮސްޕިޓަލުން ފާހަގަކުރާގޮތުގައި އެ ހޮސްޕިޓަލަށް އޮތް އެންމެ ބޮޑު އެއް ދަތްޗަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިކަމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފަވަނީ މިދިޔައަހަރުގެ އޮގަސްޓްމަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ އޯޕީޑީ ޢިމާރާތެއް ހެދުމާއި ވިއްސާ ކޮޓަރި އެއްގެ ގޮތުގައި އިމާރާތެއް ހެދުމުގެ މަސައްކަތެވެ. އަދި އިމަރޖެންސީ ރޫމް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.