English Edition
Dhivehi Edition
ފޮޓޯ: ފުޓްބޯލް އިޓާލިއާ

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ވިޔަރެއާލް އާއި ދެކޮޅަށް ޔުވެންޓަސްކުޅުނު ފުރަތަމަ ލެގުގެ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ވިޔަރެއާލްގެ ދަނޑުގައި ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރި މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން 32 ވަނަ ސިކުންތުގައި ޔުވެންޓަސްއިންްވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މެޗު ފެށިގެން ކުޑަ ސިކުންތު ކޮޅެއްގެ ތެރޭ ޔުވެންޓަސްއަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ނިމިގެން ދިޔަ މަހު ބޮޑު އަގުދީފައި ފިއޮރެންޓީނާއިން ޔުވެންޓަސްއަށް ބަދަލުވި ސާބިއާ ފޯވާޑް ޑޫސާން ވްލަހޯވިޗް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޑަނީލޯގެ އެހީތެރިކަމާއި އެކުގައެވެ.

މި ލަނޑަށް ފަހު ވިޔަރެއާލަށް ވެސް ވަނީ މެޗުގެ ނަަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޖިއޮވާނީ ލޮ ސެލްސޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މީގެ އިތުރުން ވިޔަރެއާލްގެ އާނޯޓް ޑަންޖޫމާއަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.

ޔުވެންޓަސް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފު ފެށުނު ތަނާހެން ޔުވެންޓަސްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް މޮރާޓާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުވާ ގޮތެއް ނުވިއެވެ. ވިޔަރެއާލުން ލަނޑު ޖަހާމެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 65 ވަނަ މިނިޓްގައެވެ. ވިޔަރެއާލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަޕޫގެ އެހީތެރިކަމާއި އެކު ޑަނީ ޕަރޭހޯ އެވެ.

ވިޔަރެއާލްގެ މި ލަނޑަށް ފަހު އަލުން ލީޑު ނެގުމަށް ޔުވެންޓަސްއަށް ވަނީ ރަނގަޅު ހުސް ފުރުސަތެއް ވެސް ލިބިގެން ގޮސްފައެވެ. ސާބިއާ ފޯވާޑް ވްލަހޯވިޗަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.

ވިޔަރެއާލް އަދި ޔުވެންޓަސް ބައްދަލުކުރި ފުރަތަމަ ލެގުގެ މި މެޗު އެއްވަރުވެގެން ނިމުނުއިރު، މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ ޔުވެންޓަސްގެ ދަނޑުގައި އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުގައެވެ.