އައްޑޫ ސިޓީ ހިތަދޫ އާބަން ސުމޭދު މުހައްދު (ސުމޭ) އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ ސ. ފޭދޫ އަހުމަދު ނާއިފް (ނާއްޕެ) އާއި ހަމަ އެރަށު ހުސައިން ސައީދު މަސްބާނަން ނުކުތީ ޣައިބުގައިވާ އެއްވެސް ކަމެއް ނޭނގޭ ހާލުގައެވެ. ރޯދަ ވީއްލުވުމަށް ބޭނުންވާ ކޮއްތު ހިފައިގެން ތިން އެކުވެރިން ރަށުން ފުރީ ހަވީރު 4:30 އެހައިކަންހާއިރުއެވެ. މިދަތުރު ނިމުނީ ހިތާމަވެރި ހާދިސާއަކާއެކުގައެވެ. ސުމޭއަށް ވީގޮތެއް ނޭނގިއެވެ. ގަމުކަނޑުއޮޅީގެ ފަރުދަށުން ނެގި ބިޔަ ރާޅެއްގެ ބަނޑުދަށުގައި އެ ތިންމީހުންނާއި އެމީހުން ތިބި ލޯންޗުވީއެވެ. ސުމައިދުގެ ދެ އެކުވެރިންވެރިން ސަލާމަތްވިއެވެ. ފަހުން އެމީހުންގެ ލޯންޗު ފެނުނެވެ. އެހެންނަމަވެސް އަދިވެސް ސުމޭދު ނުފެނެއެވެ. ވީ ގޮތެއް ނޭނގެއެވެ. އެމްއެންޑީއެފްއާއި، ފުލުހުންނާއި އާންމުން ގުޅިގެން އަދިވެސް ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިދަތުރުގައި ހިނގި ހާދިސާގެ ވާހަކަ އެކިގޮތަށް އެބައަޑު އިވެއެވެ. އެހެންނަމަވެސް ދަތުރުގައި ބައިވެރިވި މީހުންގެ ތެރެއިން ﷲގެ ރަހުމަތްފުޅާއެކު ސަލާމަތްވި ދެ މީހުންގެ ތެރެއިން ނާފިއުގެ މިހާދިސާއާ ބެހޭ ގޮތުން ކިޔައިދިން ވާހަކަ މިއޮތީއެވެ. “އަހަރެމެންދިޔައީ އާދައިގެ މަސްވެރިކަމަކުނޫން. އަހަރެމެން ދިޔައީ ދޮށި ހިފައިގެން ޕޮޕް ކުރަން. މަސްހުރިތަނަށް ދިޔައިރު ރާޅުވެސްހުރި. އެކަމަކު ރާޅުގަނޑުގެ ތެރެއަށް ގަސްތުގައި ވަންނާކަށްނޫން ވަދެވުނީ. ހަގީގަތުގައި މަ ގަބޫލުކުރާ ގޮތުގައި އެއީ ނެގި ވަގުރާޅެއް. އެ ރާޅު ކުއްލިއަކަށް ނެގިތަން ފެނުނީ. އަހަރެމެން އެތަނަށް ގާތްކުރިއިރު ވަރަށް މަޑުކޮށް ކާމްކޮށް އޮތީ. އެކަމަކު އެރާޅު ނެގީ އަހަރެމެން އެތާތިއްބާ. މާނައަކީ ވަގުރާޅެކޭ،” “ވީގޮތަކީ ސުމޭ ހުރީ ކުރީގައި ހުސައިންހުރީ ދުއްވަން، މަ ހުރީ ފަހަތު. ހުއްޓައި ރާޅު ދަމައިގަތީމައި އަހަންނަށްވެސް ފެނުނީ އަޑި. ދެންމަށަށް ބުނެވުނީ މިތަން ހާދަ ތިލައޭ. އެހެންބުނިތަނާ ދެތިން ސިކުންތުވާނީ ދެންފެނުނީ ރާޅުއައިސް ޑިންގީއަށް ބިންދާލިތަން. އޭރުންވެސް ޑިންގީއޮތީ އިސްޓާޓުކޮށްފައި. ކުޑަތަންކޮޅަކަށް ދުއްވައިލެވުނީ. އެހެންންވެސް ރާޅުއައިސް އޮޅާލައިގެން އެހެންމިހެން ހަދައިގެންފި،” ނާއިފް (ނާއްޕެ) ބުންޏެވެ. އޭރޫ ސުމޭދުއާއި، ނާއްޕެއާ ދެމީހުން ތިބީ ވަރަށްގާތުގައެވެ. އެހެންނަމަވެސް ސުމޭގެ ފަޔަށް ތަދުވާ ކަމަށް އޭނާ ނާއްޕެ ގާތު ބުންޏެވެ. “ބަންޑުންޖަހާލިއިރު މަށާއި ސުމޭއާ ދެމީހުންތިބީ ކައިރީގައި ޖެހިގެން. ސުމޭގެ ގައިގައި ހިފައިގެންވެސް މައޮތިން. ސުމޭ މަގޭ ގާތުބުނި ތިމަންނަގެ ފަޔަށް ތަދުވަނީޔޭ. ފައިދަމަނީއޭ ނުބުނޭ. އަކުނިވަޔަށް ދެމިނަމަ ސުމޭއަށް އެނގޭނެދޯ ބުނަން އަކުނިވަޔަށޭ ދެމީ. އެކަމަކު އަހަންނަށް ހީވަނީ ސުމޭގެ ފަޔަށް ކޮންމެވެސް އެހެން އަނިޔާއެއްވީހެން. ބަންޑުންޖެހިވަގުތު ފަރުގެ ކޮންމެވެސް ތަނެއްގައި އަނެއްމީހާ (ހުސައިން) ގެ ބޯވެސްވަނީ ޖެހިފައި. އެހެންވީމާ ސުމޭ ދިރުނބާ ކޮޅުގައި ހުރުމުން އޭނާއަށްވެސް ކޮންމެވެސް އަނިޔާއެއް ވީކަންނޭނގެ. އޭނާބުނީ ތިމަންނަގެ ފައިގައި ރިއްސަނީއޭ. އެހެންބުނެފައި އަހަރެމެންދެމީހުން ވަރަށް ގާތުގައި ތިއްބާ ވަރަށް ބޮޑު ރާޅެއް އަތަނުން އަނެއްކާ ނެގީ. އެރާޅުގައި އަހަރެމެން ދެމީހުން އޮޅަމުންއޮޅަމުން ގޮސް ދުރުވީ،” ނާއްޕެ ބުންޏެވެ. އެދުރުމިން ގާތްގަނޑަކަށް ތިރީސް ފޫޓަށް ދަންމާލިއެވެ. އެ ހިސާބުން އެމީހުން ތިބީ ކަނޑުވެފައި ކަމުގެ އިހުސާސް ކުރެވުނެވެ. ސަލާމަތްވާނެ ކަމުގެ އުންމީދެއް ނާއްޕެގެވެސް ނެތެވެ. އެކަމަކުވެސް މިއީ ހިތްވަރުކުރަންވީ ވަގުތުކަމަށް ސުމޭ ގާތުބުނެ ނާއްޕެ ދިޔައީ ހިތްވަރު ދެމުންނެވެ. “އެ ނެގިރާޅުގެ ސަބަބުން ގާތްގަނޑަކަށް ސުމޭއާއި މަށާ ދެމެދު ހުންނާނީ ތިރީހަކަށްފޫޓު އެވަގުތު. އެހިސާބުން އެނގިޖެ މިތިބީ ކަނޑުވެފައިކަން. މަވެސް އެންމެފަހަރަކުވެސް ހީނުކުރަން ސަލާމަތްވާނެ ކަމަށް. މަބުނިން މިއީ ހިތްވަރު އެލުވާލުމުގެ ބަދަލުގައި ހިތްވަރު ކުރަންވީ ވަގުތޭ. އެކަމަކު ސުމޭގެ ފަޔަށް ތަދުވެފައިހުރީމާ އޭނާވަނީ ވަރަށް ބޮޑަށް ބިރުގަނެފައި. މަވެސް ހުރީ ބިރުގަނެފައި. މިޔަރެއް އައިސް ދަތްއަޅާފާނެތީ ބިރުގަނެފައިހުރީ. ތިއްބާ އަނެއްކާ ރާޅެއް އަންނަތަން ފެނިގެން ސުމޭގާތު ބުނިން ރާޅެއް އެބައާދެޔޭ. އެރާޅުއައިސް އަހަރެމެން އޮޅާލުމަށްފަހު މައްޗަށް އެރިއިރު ސުމޭއާ މަށާ ދެމީހުން ތިބީ ގާތްގަނޑަކަށް ފުދޭވަރަކަށް ދުރުދުރު. އެއީ ދިހައެއް ނުވަތަ ފަނަރަ ވަރަކަށްފޫޓު ދުރު. އެހެން ތިއްބާ ދެންޖެހި ރާޅު އަނެއްކާ ދުރުކޮށްލީ. ދުރުކޮށްލީމައި ގާތްގަނޑަކަށް ތިރީސް ފޫޓުހުންނާނެ. ދެން ސުމޭގާތު ބުނިން ރެސްޓް ކުރަމުން މަޑުމަޑުން ފަތަމުން އަންނާށޭ. މިއޮތީ ފަރުމައްޗޭ ހުސައިން އަހަރެމެން ނަގަން އަންނާނެޔޭ. ހުސައިން ހުންގާނުގައި ހިފައިގެން ހުރުމުން ކަންދިމާވި ގޮތުން ލޯންޗު ބަންޑުން ޖަހާފައި ތެދުވިއިރު ހުސައިން ހުރީ ހުންގާނުގައި ހިފައިގެން. އަނެއްހެން ބުނަންޏާ ލޯންޗުތެރެއަށް އޭނާ އެރިގަތީ. މަށަށްވެސް އެމަންޒަރު މާރަނގަޅަށް ނުފެނޭ. އެފަދަ ވަގުތެއްގައި އެމީހަކު އުޅޭނީ އެމީހެއްގެ ހާލާގެންތާ ދޯ” ނާއްޕެ ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް އެކުވެރިޔާއާ ދުރަށް ދާން ފެށުމުން ނާއްޕެގެ ހިތްވަރަށް ކަމީނާކަން އައެވެ. މާކަނޑު މެދުގައި ލޯ ކުރިމަތީގައި އެކުވެރިޔާ އޮޔާދަނީއެވެ. އަމިއްލަ ފުރާނަ ސަލާމަތް ކުރެވޭނެ އުންމީދެއްނެތް ނާއްޕެ ބުންޏެވެ. “ކޮންމެ ގޮތެއް ވިޔަސް ސުމޭއާ މަށާ ދެމީހުން ދުރަށް ދިޔުމުން މަ ވަރަށް ވީކުވި. މަގޭ ލޯމަތިން ސުމޭ މިއޮތްދަނީ. ސުމޭ ކުރިމަތިން މަ މިދަނީ. އެހެންވީމާ އެވީކްނެސް ސުމޭގެވެސް ހުންނާނެ. މިޔަރެއް އަރައި ދަތްއަޅައިފާނެތީ އެބިރުވެރިކަންވެސް ހުންނާނެ. އެވަރުންވެސް ބުނިން ސުމޭއޭ ހިތްވަރު ދޫނުކުރާށޭ. އެގޮތަށް ވާހަކަ ދައްކަދައްކަ ތިބީ. ސުމޭ ގާތު ބުނިން މަށަށް ގޮވާށޭ. މަވެސް ސުމޭއަށް ގޮވާނަމޭ. އޭރުން ދެމީހުންދެމީހުންނަށް ތިބިކަން އެނގޭނެ ނޫންހޭ. އެގޮތަށް ސުމޭވެސް މަށަށް ގޮވާ ނާއްޕެއޭ ކިޔާފައި. މަވެސް ސުމޭއަށް ގޮވަން. އެގޮތަށް ގޮވަމުން ދެމީހުންވެސް ޝަހާދަތްކިޔައި، ﷲއަކުބަރު ކިޔައިފައި ތިއްބާ ސުމޭގެ އަޑު ކެނޑުނު ފަނަރަވަރަކަށް މިނިޓަށް. ފަނަރަވަރަކަށް މިނެޓުފަހުން ވަރަށްބާރަށް ނާއްޕޭޔޭ ކިޔާފައި ގޮވި. މަބުނިން ސުމޭ އެބަހުރިދޯއޭ. އެދޭތެރޭ މަވެސް ވަރަށް ސަކަރާތްވި. މަހީކުރީ ސުމޭ ދިޔައީކަމަށް. އެކަމަކު ސުމޭ އަނގައިން ބުނީމާ މަބުނީން ސުމޭ މަމިއޮތީއޭ. ސުމޭ ކޮބާހޭ؟ އެވަގުތު ބޯހިއްލާ ބަލާލުމުން މަށަށް ސުމޭ ފެނުނު. އެފަހުން މަށަށް ނުފެނޭ” އެންމެފަހުން އެކުވެރިޔާ ފެނުނު ވަގުތާ ބެހޭ ގޮތުން ނާއްޕެ ބުންޏެވެ. “އެފަހުން މަޑުމަޑުން ފަތަމުންދަނިކޮށް ރާޅަކާ އެއްކޮށް މަށަށް ފަރުމައްޗަށް އެރިއްޖެ. އެއީ ކޮންމެހެން މަގޭ މޮޅުކަމުން ވީކަމެއްނޫން. ފަރުމައްޗަށް އަރައި އިރުކޮޅަކަށް މަޑުކުރިން. ފަރުމަތީގައި ހުރެގެންވެސް ވަރަށްގިނައިން ސުމޭއަށް ގޮވިން. އެހެންހުއްޓާ އަނެއްކާވެސް ބޮޑު ރާޅެއް އައުމުން ދުއްވައިގަތީ އެއްގަމާ ވީކޮޅަށް. އެއީ އެރާޅު އައިސް ޖަހާފައި އަނިޔާއެއް ވެދާނެތީ،” އޭނާ ބުންޏެވެ. ކަނޑުވެފައިވީ ވަގުތު ސުމޭވަނީ ނާއްޕެއާއި ހުސައިނާ ދެމީހުންނަށް އަސަރުން ފުރިގެންވާ ވަސިއްޔަތެއް ކޮށްފައެވެ. އެއީ އޭނާގެ އަންހެނުންނާއި ދަރިން ބަލައިދިނުމުގެ ވަސިއްޔަތެވެ. “ސުމޭ ދެއްކި ވާހަކައެއް ދެއްކީ މަށާ. ސުމޭ ބުނީ ނާއްޕެއޭ ތިމަންނަގެ އަންހެނުންނާއި ކުދިން ބަލާށޭ. ހުސައިން ގާތުވެސް ބުނާށޭ. އެހެންބުނީ.” އެކުވެރި ސުމޭއަށް ފަހުންވީގޮތެއް އަދި ނޭނގުނަސް ނާއްޕެ ހުރީ އަދިވެސް އޭނާ ފެންނާނެ ކަމުގެ އުންމީދުގައެވެ. “އުންމީދުކުރަނީ އަދި ސުމޭ ފެންނާނެ ކަމަށް” ނާއްޕެ ބުންޏެވެ.