English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިކްއެޓޯރިއަލް ހޮސްޕިޓަލާއި ހިތަދޫ ޒޯން ސްޓޭޑިއަމާއި ދެމެދު އޮންނަ މާކިޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު 4:20 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާ ލެވުނީ ރޭ ފަތިހު 4:00 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާން ރޯވެފައިވާ ސަރަހައްދަކީ ޗަސް ބިންތަކެއް ހިމެނޭ ތަނެއްކަމުން ކޮންޓްރޯލެއް ނެތި އަނދަމުން ދިޔަ އަލިފާންގަނޑު ނިއްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް ފުލުހުންނާއި ސިފައިންގެ އިތުރުން އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަލިފާން ނިއްވުމަށް ކެނޑިނޭޅި ވަނީ މަސައްކަތް ކޮށްފައެވެ.

ރޯވި ސަރަޙައްދަކީ ހިތަދޫގައި މާބޮޑަށް މީހުން އާބާދުވެ ދިރިއުޅޭ ސަރަޙައްދެއް ނޫން ނަމަވެސް އެ ސަރަހައްދަށް ފެތުރިފައިވާ ދުމުގެ ސަބަބުން ސަރަހައްދާއި ދުރު ނޫން ހިސާބުތަކުގައި ދިރިއުޅޭ 5 ވަރަކަށް އާއިލާ، ސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ އިލްތިމާސްވެސް ކޮށްފައެވެ.

މީގެ ކުރިންވެސް މި ސަރަޙައްދު ވަލުތެރޭގައި ދޭތެރެ ދޭތެރެއިން ރޯވެ އަނދާފައިވީ ނަމަވެސް މިއީ އެންމެ ބޮޑަށް މި ސަރަޙައްދުގައި އަލިފާން ރޯވެ ކޮންޓްރޯލްނުވެ ފެތުރުނު ފަހަރެވެ.

މި ހާދިސާގައި ހިތަދޫ ވަލުތެރެއިން ދިހަ ވަރަކަށް ހެކްޓަރުގެ ސަރަޙައްދެއްގައި ރޯވެ އަނދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.