English Edition
Dhivehi Edition

މި އަހަރަށް, ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބޮއިކޮޓްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާނެއެވެ.

މާދަމާގެ ޖަލްސާ ބޮއިކޮޓްކުރިކަން ހާމަކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތް ބާނާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާ ކަމަށެވެ.އަދި އިންތިހާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުން ދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މި ހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އިރު ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުވައްސަސާ ހައިޖެކްކޮށްފައިވާކަމަށް މި ބަޔާނުގައިވަނީ ބުނެފައެވެ. ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ޚުދު މުޚުތާރުކަމާއި ޑިމޮކްރެސީއާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލުވާލާފައިވާކަމަށެވެ. އިތުރަށް ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ، މިކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާޢީ ދައުވާކޮށް ޖަލަށްލުމަށް ޤާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށެވެ،

“…މިހާ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، އިސްވެ ދެންނެވުނު ކަންކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،” އެ ބަޔާނުގައިވެއެވެ.