English Edition
Dhivehi Edition

ގައުމީ ޕޭމަންޓް ސިސްޓަމުގެ ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް ދީފިއެވެ.

ގައުމީ ޕޭމަންޓް ސިސްޓަމުގެ ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް ދޫކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ރެގިއުލޭޓު ކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނީ އުރީދޫއަށް ދޫކޮށްފައިވަނީ އިލެކްޓްރޯނިކް މަނީ ލައިސަންސުގެ އިތުރުން ރެމިޓެންސް ހިދުމަތަށް ބޭނުންވާ ޕޭމަންޓްގެ ހިދުމަތް ދިނުމުގެ ލައިސަންސްކަމަށެވެ. އުރީދޫގެ ރެމިޓެންސް ހިދުމަތަކީ އެ ކުންފުނީގެ އެމްފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ

މީގެ އިތުރުން ދިރާގަށް ދޫކޮށްފައިވަނީ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ލައިސަންސެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ތަސްދީގުކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަކީ ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ.މި ގާނޫނުގެ ދަށުން ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ.