އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި އަހަރުގެ އަހަރީ އާންމު ޖަލަސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓަރސްއަށް ހާޒިރުވެގެންވެސް ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އުރީދޫއިން ބުނީ އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވޭނީ 50 ހިއްސާދާރުންނަށްކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ “ފަހިވޯޓް” މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނޭކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ،
މި ޖަލްސާގައި ބައިވެރިވެވޭނީ 18 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޖަލްސާއަށް ހާޒިރުވެ ބައިވެރިވާން ބޭނުންވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެޖެންޑާގެ ކޮންމެ އައިޓަމަކަށް 1 ވޯޓު ލެވޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ،
ކުރީއަހަރުތަކާ އެއްގޮތަށް މިއަހަރުގެ ޖަލްސާގައިވެސް ކުންފުނީގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން އޮންނާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުންވެސް އޮންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.