English Edition
Dhivehi Edition

އުމްރާނީ ބިނާ ތަކަކުން ތަރައްގީ ވެދާނެ ކަމަށް ދެކެވޭ ވާހަކައަކީ ކުށް ހީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުންނެވެ.

މި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އުމްރާނީ ބިނާ ތަކަކުން ތަރައްގީ ވެދާނެ ކަމަށް ދެކެވޭ ވާހަކައަކީ ކުށް ހީއެއް ކަމަށާއި އެއީ ހަގީގީ ތަރައްގީއެއް ނޫން ކަމަށެވެ. ތަރައްގީއަކީ މީހާއަށް އަންނަ ބަދަލު ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހާސް ކަމެއް ނެތި ދިރިއުޅެވޭނެ ގޮތެއް ވާންޖެހޭ ކަމަށެވެ. އަދި އެދެނީ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތެއް ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދި މަސައްކަތް ކުރަނީ ރައްޔިތުންގެ ގާތަށް އައިސް ބޭނުންވާނެ ކަންކަން އޮޅުފިލުވައި, އެކަންކަން ކުރާނެ ކަމަށް ވައުދުވުމުގެ އުސޫލާ އެކު ކަމަށެވެ.އަދި އެއީ އެމްޑީޕީގެ އުސޫލު ކަމަށާއި އެއީ އިދިކޮޅުން ދަންނަ އެއްޗެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެވާހަކަ އިދިކޮޅަށް ނުދެއްކޭނެ ކަމަށާއި އިދިކޮޅުގެ ސިޔާސަތަކީ އެންމެން އެއްތަނަކަށް ޖަމާކޮށް ތޮއްޖެސުންކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕާޓީތަކުން ފޯރިއާއި އެކު ކެމްޕެއިން ކުރަމުން އަންނައިރު، އެމްޑީޕީގެ މި ކެމްޕެއިން ދަތުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެ މަނިކުފާނު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މި ދަތުރުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.