ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށްފަހު މަޖިލިސް ނިންމާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ވެސް ދެ ކަމެކެވެ. އެއީ ސިވިލް ސާވިސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބް ރައީސް ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ މައްސަލައެވެ.
ސީއެސްސީގެ ނައިބު ރައީސް އަކަށް އައްޔަން ކޮށްފައި ވަނީ، އެ ކޮމިޝަނުގެ މެމްބަރު ގއ. ވިލިނގިލި، ވައިޖެހޭގެ، ޝަހީދު މުހައްމަދެވެ. އެޗްއާރުސީއެމްގެ ނައިބަކަށް އައްޔަން ކޮށްފައި ވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ނައިބު ރައީސަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ކަމުގައިވާ، ދަފްތަރު 1548، މުހައްމަދު ޒާހިދެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ނައިބް ރައީސަކު އައްޔަންކޮށްފައިވަނީ 26 ވޯޓަކުންނެވެ. އެ ވޯޓުގައި ބައިވެރިވީ ހާޒިރުވި 46 މެމްބަރުންގެ ތެރެއިން 26 މެމްބަރުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބް ރައީސް ކަމަށް އައްޔަން ކޮށްފައިވަނީ 27 ވޯޓުންނެވެ. މަޖިލީހުން ޒާހިދަށް ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވި 27 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ މަޖިލީސް ކުރިއަށް ދިޔަ އިރު، އިދިކޮޅު ފަރާތްތަކުން ދިޔައީ، އަޑުގަދަކޮށް އިހްތިޖާޖު ކުރަމުންނެވެ. ވޯޓަށް އަހައި ނިމުމުން މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.
މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށް ބުނެފައެވެ. އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު މެންބަރުންނަށް ރިޔާސަތާ ހަމައަށް ނުދެވޭ ގޮތަށް އުސްކޮށް ވަށައިގެން ބަންދުކޮށްފައިވާ ފާރު ފޫ އަޅުވާލާނެ ކަމަށް ވެސް އިދިކޮޅު މެންބަރުންވަނީ ވިދާޅުވެފައެވެ.